އާދަޔާ ހިލާފު ބާރުތަކެއް ލިބިގެންވާ އާއިލާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ކޮމްޕިއުޓަރު އެނިމޭޓެޑް ކޮމެޑީ ސުޕަހީރޯ ފިލްމު، "ދަ އިންކްރެޑިބަލްސް"ގެ ދެ ވަނަ ފިލުމު 2019 ވަނަ އަހަރު ނެރުމަށް ނިންމައިފި އެވެ.

ޑީޒްނީގެ އިންކްރެޑިބަލްސް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޑައިރެކްޓަރު ބްރޭޑް ބާޑް މީގެ ހަ މަސް ކުރިން ވަނީ ބުނެފައެވެ.

އެމެރިކާގެ މަޝްހޫރު ކޮމްޕިއުޓަރު އެނިމޭޝަން ފިލްމް ސްޓޫޑިއޯއެއް ކަމަށްވާ ފިކްސާ އިން ޕްރޮޑިއުސްކޮށް ވޯލްޓް ޑިޒްނީ ޕިކްޗާސް އިން 2004 ވަނަ އަހަރު ރިލީޒްކުރި "ދަ އިންކްރެޑިބަލްސް"ގެ ފުރަތަމަ ފިލްމު ވެސް ޑައިރެކްޓް ކޮށްފައިވާ ބާޑް ބުނެފައިވަނީ، އެ ކާޓޫނުގެ ދެ ވަނަ ފިލްމެއްގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މީގެ ހަ މަސް ކުރިން ފަށައި ހުރިހާ މަސައްކަތެއްވެސް ރަނގަޅު ސްޕީޑެއްގައި ދާ ކަމަށެވެ.

"ދަ އިންކްރެޑިބަލްސް"ގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ފަށާފައިވާ ކަން ބްރޭޑް ކަށަވަރުކޮށް ދީފައިވާ އިރު، ޑިޒްނީން ވެސް ވަނީ އެ ފިލްމުގެ ދެވަނަ ބައެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަން މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާންކޮށްފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އޭގެ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ "ދަ އިންކްރެޑިބަލްސް" އަށް މިހާތަނަށް މުޅި ދުނިޔެއިން 630 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި އެ ފިލްމަށް ވަނީ 2005 ވަނަ އަހަރުގެ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު އެނިމޭޓެޑް ފީޗާގެ އެވޯޑު ލިބިފަ އެވެ.