11 Oct 2015, 10:59
ހއ. ހޯރަފުށީގައި ހުންނަ އެމްޑީޕީ ހަރުގޭގައި ރޭ ބަޔަކު ރޯކޮށްލާފައިވާ ކަމަށް ހއ. އަތޮޅު ކައުންސިލުން ބުނެފި އެވެ.
ހއ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު 'ސަން' އަށް ވިދާޅުވީ އެ ރަށުގައި ހުންނަ އެމްޑީޕީ ހަރުގޭގައި ރޭގެ ވަގުތެއްގައި ރޯކޮށްލާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ތަނަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.
"ތަނުގައި ޓީވީ ވެސް ހުރީ ހަމަ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި، އެތާ ހުރި ގުދަނަށް ވެސް ހުރީ ގެއްލުންދީފައި." އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ހޯރަފުށި އެމްޑީޕީ ހަރުގެ -- ރޭގެ ވަގުތެއްގައި ހަރުގޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައި -- ފޮޓޯ: ހއ. އަތޮޅު ކައުންސިލް
ސިޔާސީ ހަލަބޮލިކަމެއް އުޅުނު ނަމަވެސް ހޯރަފުއްޓަކީ ވަރަށް އަމާން އޮމާންކޮށް އޮންނަ ރަށެއްކަން ރަޝީދު ފާހަގަކުރެއްވި އެވެ. އަދި އެކަހަލަ ކަމެއް ކުރަން ޖެހުނީ ކީއްވެކަން ބުނަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ ހޯރަފުށީ އެމްޑީޕީ ހަރުގޭގައި އަލިފާން ރޯވެގެން ރޭ 1:55 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި 10 ވަރަކަށް މިނިޓް ތެރޭ އަލިފާން އެއްކޮށް ނިވާލާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

ހޯރަފުށި އެމްޑީޕީ ހަރުގެ -- ރޭގެ ވަގުތެއްގައި ހަރުގޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައި -- ހއ. އަތޮޅު ކައުންސިލް
އަލިފާން ރޯވުމުގެ ސަބަބުން ހަރުގޭގައި ހުރި ބައެއް އިލެކްޓްރޯނިކް ސާމާނަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެކަމެއް އަދި ބުނަން ނޭނގޭ ކަމަށާއި މިހާރު އެކަން ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހޯރަފުށި އެމްޑީޕީ ހަރުގެ -- ރޭގެ ވަގުތެއްގައި ހަރުގޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައި -- ހއ. އަތޮޅު ކައުންސިލް