11 Oct 2015, 10:45
ކެންސަލް ކޮށްލުމަށްފަހު 13 އަހަރު ވެގެން ގޮސްފައިވާ ޑިސްޓޯޕިއަން ސީރީޒް "ފަޔާފްލައި" އަލުން ސްކްރީންތަކަށް ގެންނަން ބޭނުން ކަމަށް ސީރީޒްގެ ކާސްޓުން ބުނެފި އެވެ.
ވަގުތަށް ވުރެ އެޑްވާންސްކޮށް ނެރުނު ފަޔާ ފްލައި ކެންސަލްކޮށްލި ނަމަވެސް ސީރީޒްގެ ސަޕޯޓަރުންގެ އަދަދު ކޮންމެ ދުވަހަކު އަންނަނީ އިތުރު ވަމުންނެވެ.
ކޮންމެ އަހަރަކު ނިއުޔޯކްގައި ބާއްވާ ކޮމިކް ކޯން (އެންވައިސީސީ)ގެ މިއަހަރު އެންމެ ގިނަ ބަޔަކުގެ ހިތްތަޅުވާލީ އެތައް އަހަރުތަކެއް ކުރިން ކެންސަލް ކޮށްލި ސީރީޒްއެއްގެ ހުރިހާ ކާސްޓުން އެޕެނަލް އަކުން ބައްދަލު ކުރުމުންނެވެ. ފޮކްސް އިން ދައްކަން ފެށި އެ ސީރީޒްގެ މަގުބޫލުކަން އެ ޗެނަލަށް ވެސް ފެންނަ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
"ސީރީޒްގެ ދެވަނަ ސީޒަން އެއް މިހާރު ނެރެން ނިންމި ނަމަވެސް އަހަރެމެން މިތިބީ ތައްޔާރަށް. ފަޔަފްލައި އަލުން ނެރެންޏާ ބޭނުން ވަނީ ފުލް ކާސްޓުންގެ ގޮތުގައި ތިބެން. އެހެން ނޫނީ ސީރީޒް އަށް އާ ކާސްޓުން ލާނެ،" ފަޔަފްލައިގެ ކާސްޓުން ކޮމިކް ކޯންގައި ބުނެފައިވެއެވެ.
ފަޔާފްލައިގެ ފުރަތަމަ އެޕިސޯޑު 20 ސެޕްޓެމްބަރު 2002ގައި ދެއްކި އިރު އެ ކެންސަލް ކޮށްލަން ޖެހުނީ ޝޯގެ ބެލުންތެރިން މަދުވުމާ ގުޅިގެންނެވެ. ނަމަވެސް ބެލުންތެރިން މަދުވީ ސީރީޒް ދެއްކުމުގައި މައްސަލަތަކެއް ހުރުމާ ގުޅިގެންނެވެ.
ޖުމްލަ 11 އެޕިސޯޑަށްފަހު ކެންސަލް ކޮށްލި ސީރީޒް އަކީ 500 އަހަރަށްފަހު ހިނގާ ޔުނިވާސަލް ސިވިލް ވޯ އެއް ދައްކައިދޭ ސީރީޒް އެކެވެ.