11 Oct 2015, 10:28
އއ. މަތިވެރި ކައިރީގައި އޮތް "ކެއިފު" ނަމަކަށް ކިޔާ ސަފާރީއެއްގައި ބަނގުރަލާ އެކު "ޕާޓީ" ކުރަން ތިބި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ސަފާރީއެއްގައި ބަނގުރާ ބޭނުން ކުރަން ތިބި ހަ މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 33 އަހަރު ބިދޭސީއެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އޮފިޝަލު ވިދާޅެއްނުވެ އެވެ.
މީޑިއާ އޮފިޝަލު ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ދިވެހި ތިން އަންހެނުންނާއި ދެ ފިރިހެނަކު ވެސް ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ ހައްޔަރު ކުރި އަންހެނުންގެ ތެރޭގައި 31 އަހަރުގެ މީހަކާއި 34 މީހެއްގެ އިތުރުން 35 އަހަރުގެ މީހެއް ހިމެނޭ ކަމަށެވެ. އަދި ހައްޔަރުކުރި ފިރިހެނުންގެ ތެރޭގައި ހިމެނެނީ އުމުރުން 28 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ "ކެއިފު" ސަފާރީން އަތުލައިގަތް އެއްޗެހިނުގެ ތެރޭގައި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް ވެސް ހިމެނޭ ކަމަށެވެ.