11 Oct 2015, 10:37
ޔޫރޯ ކޮލިފިކޭޝަން ގައި ރޭ ބޮސްނިއާ އަތުން 0-2 ގެ ނަތީޖާ އަކުން ބަލިވި ނަމަވެސް ފުރަތަމަ ފަހަރަށް ވޭލްސް ޔޫރޯ އަށް ކޮލިފައި ވެއްޖެއެވެ.
ބޮސްނިއާގެ ދަނޑުގައި ރޭ ކުޅުނު ގުރޫޕް ބީ ގެ އެ މެޗްގައި ބޮސްނިއާގެ ފުރަތަމަ ގޯލް މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ޖުރިޗްއެވެ. އަދި ބޮސްނިއާގެ ދެވަނަ ގޯލް މެޗްގެ ފުރިހަމަ ވަގުތު ހަމަވަނިކޮށް 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، އިބްސެވިޗްއެވެ.
މިއީ ކޮލިފިކޭޝަންގައި ވޭލްސް ބަލިވި ފުރަތަމަ މެޗެވެ. އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ވޭލްސް ކޮލިފައިވިއިރު، މިއީ 1958 ވަނަ އަހަރަށްފަހު، ބޮޑު މުބާރާތަކަށް އެގައުމު ކޮލިފައިވި ފުރަތަމަ ފަހަރުވެސް މެއެވެ.
މެޗަށްފަހު ވޭލްސްގެ ކޯޗު ކްރިސް ކޯލްމަން ވަނީ، މިއީ ހުވަފަނެއް ހަގީގަތަކަށްވުން ކަމަށާއި ޔޫރޯއަށް ކޮލިފައިވުމުން ކުރެވޭ އިހުސާސްތައް ބުނެދޭން ވެސް ނޭނގޭ ކަމަށް ބުނެފައެވެ.
އެ ގުރޫޕްގައި ރޭ ސައިޕްރަސް އަތުން 2-1 ގެ ނަތީޖާއަކުން އިސްރާއިލް ބަލިވިއިރު އެންޑޯރާ އަތުން ބެލްޖިއަމް ވަނީ 4-1 އިން މޮޅުވެފައެވެ. މި ގޫރޫޕުން ބެލްޖިއަމާ ވޭލްސް މި ވަނީ 2016 ވަނަ އަހަރު ފްރާންސް ގައި ބާއްވާ ޔޫރޯ މުބާރާތުން ޖާގައެއް ހޯދައިފަ އެވެ.
ރޭގެ މެޗުން ވި ބައްޔާއެކު ވޭލްސް މިހާރު އޮތީ، ގްރޫޕް ބީގެ ދެވަނައިގައި 18 ޕޮއިންޓާއެކީގައެވެ. ވޭލްސްގެ މައްޗަށް ކުރި ހޯދި، ބޮސްނިއާ 14 ޕޮއިންޓާއެކީ ތިންވަނައިގައި އޮތްއިރު، އެއްވަނައިގައި 20 ޕޮއިންޓާއެކީ އޮތީ ބެލްޖިއަމްއެވެ.