11 Oct 2015, 10:06
އަންކަރާ (އޮކްޓޯބަރ 11): ތުރުކީގެ ވެރިރަށް އަންކަރާއަށް އިއްޔެދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 97 އަށް އަރާފައިވާއިރު ތިން ދުވަހުގެ މުއްދަތަށް އެގައުމުގައި ގައުމީ ހިތާމަ އިއުލާންކޮށްފިއެވެ.
ރައީސް ރަޖަބް ތައްޔިބު އުރުދޫޣާންވަނީ މި ހަމަލާތަކުގެ ފަހަތުގައިވާ ބަޔަކު ހޯދައި ހައްގު އަދަބު ދޭނެކަމުގެ އިންޒާރު ދެއްވާފައެވެ.
މި ޓެރަރިސްޓް ހަމަލާތަކުގެ ބޭނުމަކީ ތުރުކީގެ އަމަން އަމާންކަން ނަގާލައި ގައުމު ހަލާކުކޮށްލުންކަމަށާއި ނަމަވެސް ޓެރަރިސްޓުންނަށް އެފުރުސަތު ނުދޭނެކަމަށް އުރުދުޣާން ވިދާޅުވިއެވެ.
އުރުދުޣާން ވަނީ އެގައުމުގެ އިސްތަންބޫލަށް ކުރައްވަމުން ގެންދެވި ދަތުރުފުޅެއްވެސް ކެންސަލް ކުރެއްވުމަށްފަހު މި ހަމަލާތަކާ ގުޅިހެން އެނބުރި އަންކަރާއަށް ވަޑައިގެންފައެވެ.
މި ހަމަލާތަކާ ގުޅިގެން މުޅި ތުރުކީއަށް ސިހުން ލިބިފައިވާއިރު މިއީ އައިއެސް ޖަމާއަތުގެ އަމަލަކަށް ވުން ގާތްކަމަށް ތުރުކީގެ އަމަނާބެހޭ މަސްއޫލުވެރިން ލަފާކުރައްވައެވެ.
އަންކަރާގެ މައި ރޭލްވޭ ސްޓޭޝަންގެ ބޭރުގައި ދިން މި ހަމަލާތަކުގައި ބާރުގަދަ ދެގޮވުމެއް ގޮއްވާލާފައިވެއެވެ. މިއީ ދެމީހަކު އަމިއްލައަށް މަރުވެގެން ގޮއްވާލި ދެ ގޮއްވާލުން ކަމަށް ތުރުކީގެ އަމަނާބެހޭ ފަރާތްތަކުން ބުނެއެވެ. މި ދެ ގޮއްވުން ގޮއްވާލާފައިވަނީ ތުރުކީގެ ވާތުފިޔައިގެ ޕާޓީތަކާއި ކުރުދީންގެ ޕާޓީތަކަށް ތާއީދުކުރާ އެތަށް ސަތޭކަ ބަޔަކު އަންކަރާގެ މައި ރޭލްވޭ ސްޓޭޝަންގެ ބޭރުގައި ބޭއްވި ހިނގާލުމެއްގެ ތެރޭގައެވެ. މި ފަރާތްތަކުން ހިނގާލުން ބާއްވާފައިވަނީ ތުރުކީގެ އާންމު އިންތިޚާބު ބާއްވަން ދެތިން ހަފްތާއަކަށް ވެފައިވާތީ ރައްޔިތުންގެ ތާއީދު ހޯދުމުގެ ގޮތުންނެވެ.
މި ހަމަލާތަކުގައި މަރުވި މީހުންގެ ހަށިތައް މުޅިން ކުދިކުދިވެފައިވުމުގެ ސަބަބުން އެއީ ކޮންބައެއްކަން ދެނެގަތުން އުނދަނގޫ ވެފައިވާކަމަށާއި ހަމަލާތައްދިން ސަރަހައްދުގައި އެ ހަމަލާތަކުން މަރުވި މީހުންގެ ލެއިން ކޯރުތައް ހެދިފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
މިއީ ތުރުކީގެ ފަހުގެ ތާރީޚެއްގައި އެގައުމަށް ދިން އެންމެ އަނިޔާވެރި އަދި އެއްފަހަރާ އެންމެ ގިނަބަޔަކު މަރުވި ހަމަލާކަމަށް ޚަބަރު ލިބެއެވެ. (ނޫސްއެޖެންސީތައް)