28 Mar 2011, 09:27
މަސް ދުވަހުގެ ތެރޭގައި ތިން ވަނަ ފަހަރަށް ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށް، ޕެޓްރޯލް ލީޓަރަކުން 86 ލާރި އަދި ޑީސަލް ލީޓަރަކުން 89 ލާރި މިއަދުން ފެށިގެން އެސްޓީއޯ އިން ބޮޑުކޮށްފި އެވެ.
ސަރުކާރާއި ރައްޔިތުން ބައިވެރިވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 13.53ރ. އަށް ކަމަށާއި ޑީސަލް ލީޓަރެއް ވިއްކާނީ 13.50 ރ. އަށް ކަމަށެވެ.
އެސްޓީއޯ އިން ބުނީ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރަން ޖެހުނީ އެންމެ ފަހުން އެކުންފުންޏަށް ލިބިފައިވާ ޑީސަލާއި ޕެޓްރޯލް ޝިޕްމަންޓްގެ އަގަށް އައިސްފައިވާ ބަދަލާ ގުޅިގެން ކަމަށެވެ.
ޑީސަލާއި ޕެޓްރޯލްގެ އަގު އެސްޓީއޯ އިން މި ބޮޑު ކުރީ އެ ދެ ބާވަތުގެ އަގުތައް އެންމެ ފަހުން ބޮޑުކުރިތާ 15 ދުވަސް ވެސް ނުވަނީހެވެ. އެންމެ ފަހުން އެސްޓީއޯ އިން ފެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ފަހަރު ޕެޓްރޯލް ލީޓަރެއްގެ އަގު ބޮޑު ކުރީ 12.67ރ. އަށެވެ. އަދި ޑީސަލް ލީޑަރެއް ބޮޑު ކުރީ 12.61 އަށެވެ.