ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދޭތެރޭ ދިވެހި ސަރުކާރުން ނިންމާ ނިންމުމަކީ އިންސާފުވެރި ނިންމުމަކަށް ވާނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ވިކާސް ސްވަރޫޕް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖޭ އަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ބެހޭ ގޮތުން އިންޑިއާގެ ނޫސްވެރިން އިއްޔެ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އޭނާ ވިދާޅުވީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ރައީސް ނަޝީދާ ދޭތެރޭ އަމަލުކުރެވޭނެ ކަމަށް އުއްމީދުކުރަނީ ރާއްޖޭގެ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ [ދިވެހި ސަރުކާރުގެ] ނިންމުން ވެގެންދާނީ އެއްމެން ގަބޫލުކުރާ ފަދަ އިންސާފުވެރި ނިންމުމަކަށް. ނިންމުމަކީ އިންސާފުވެރި ނިންމުމަކަށް ބެލެވެން ވާނެ،" ސްވަރޫޕް ވިދާޅުވި އެވެ.

ދުނިޔޭގެ އެއްމެ ބޮޑު ޑިމޮކްރަސީގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ޒަމާންވީ ގާތް ރައްޓެއްސެއްގެ ގޮތުން އިންޑިއާ އިން އަބަދު ވެސް ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރަން އެހީތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާ އިން މިހެން ބުނެފައި ވަނީ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ވަނީ ރައީސް ނަޝީދު ޖަލުން މިނިވަން ކުރުމަށް ގޮވާލާފަ އެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ އެ ނިންމުމަށް އަމަލުނުކުރާނެ ކަމަށް ބުނެފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވަނީ މިއަދު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައެވެ. އަދި އިންޑިއާ އާއި ރާއްޖޭގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއް މިއަދު އޮންނާނެ އެވެ. އެއްމެ ފަހުން އެކޮމިޝަނުން ބައްދަލުވުމެއް ބާއްވާފައި ވަނީ 2000 ވަނަ އަހަރު އެވެ.