ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހޯމް މިނިސްޓަރު އުމަރު ނަސީރަށް ކުރައްވާ އިތުބާރަށް ކެތްނުކުރެވިގެން ބަޔަކު މީހުން އުމަރުގެ އަގުވައްޓާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރު ދިފާއުކުރުމަށް އެންމެ ފުރަތަމަ ވިއްދާނެ ކޮނޑަކީ ހޯމް މިނިސްޓަރު އުމަރުގެ ކޮނޑު ކަމަށެވެ.

އުމަރުގެ އަގުވައްޓާލަން ބަޔަކު ކުރަމުންދާ މަސައްކަތަށް އޭނާ ހުންނެވީ ވަރަށް ހުށިޔާރުވެގެން ކަމަށް ވެސް ތަޒްމީލް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރުގެ ނަމުގައި އެކި ފަރާތްތަކަށް އެސްއެމްއެސްތަކެއް ފޮނުވަމުންދާ ކަމަށާއި އެކަން މިނިސްޓަރު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވި މައްސަލަ ތަހުގީގުކުރަން އެކުލަވާލި ނޭޝަނަލް އިންކުއަރީ ކޮމިޝަން ހިންގެވުން ރައީސް ޔާމީން ވަނީ އުމަރާ ހަވާލުކުރައްވާފަ އެވެ.