ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ބެހޭ ގޮތުން ސަރުކާރުން ފަތުރަނީ ދޮގު މައުލޫމާތު ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނުނޫސްބަޔާނެއްގައިބުނެފައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތާއި އިސްތިއުނާފްގެ މަރުހަލާއާއި އަދި ޖުމްލަކޮށް ރައީސް ނަޝީދާ މެދު ސަރުކާރުން ގެންދަނީ އެކި އެކި ވަސީލަތްތައް ބޭނުންކޮށްގެން ދޮގު މައުލޫމާތު ފަތުރަމުން ކަމަށެވެ.

"...ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާފައިވާ ޝަރީޢަތާއި، އެމައްސަލައިގެ އިސްތިއުނާފާއި، އަދި ޖުމްލަކޮށް ރައީސް މުޙައްމަދު ނަޝީދާ ގުޅޭ ގޮތުން ކެނޑިނޭޅި ސަރުކާރުން ދަނީ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ދޮގު މައުލޫމާތު ފޯރުކުރަމުންނެވެ،" ބަޔާނުގައި ވެއެވެ.

ސަރުކާރުން ފަތުރާ ދޮގު މައުލޫމާތެއް ކަމަށް ވަކީލުން ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްޗަށް އިއްވި ހުކުމް އެމަނިކުފާނު އިސްތިއުނާފް ނުކުރެއްވި ކަމަށް ދައްކާ ވާހަކައެވެ. އެވާހަކަ ދޮގުކުރަމުން ނަޝީދުގެ އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ މައްސަލަ އިސްތިއުނާފް ކުރަން ބޭނުންވާކަން ދެ ފަހަރެއްގެ މަތިން ހައި ކޯޓަށް ލިއުމުން އަންގާފައިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"...ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ރައީސް މުޙައްމަދު ނަޝީދު އިސްތިޢުނާފު ނުކުރެއްވީ ކަމަށް ސަރުކާރުން ބުނަމުން ގެންދާއިރު، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޙުކުމް އިސްތިޢުނާފް ކުރުމަށް ބޭނުންވާކަން ވަނީ ކްރިމިނަލް ކޯޓަށް ލިޔުމުން އަންގާފައެވެ. އަދި ހަމަ އެހެންމެ އެކަންވަނީ 2 ފަހަރެއްގެ މަތިން ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ލިޔުމުން އަންގާފައެވެ. ރައީސް މުޙައްމަދު ނަޝީދުގެ މައްސަލައިގައި ޙުކުމް ކުރިއިރު އިސްތިއުނާފު ކުރުމުގެ މުއްދަތުވަނީ 60 ދުވަހުން 10 ދުވަހުގެ މުއްދަތަށް ކުރުކޮށްފައެވެ. އިސްތިއުނާފުގެ މުއްދަތު ހަމަވެގެންދިޔައިރުވެސް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީޢަތުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވަނީ ފޯރުކޮށްނުދީ ހިފަހައްޓާފައެވެ،" ބަޔާނުގައި ވެއެވެ.