ސްރީލަންކާގެ ގާލީ ބަނދަރަށް ވަންނަން އުޅުނު ހަތިޔާރު ބޯޓެއް ލަންކާގެ ކަނޑުގެ ސިފައިން ހިފަހައްޓައިފި އެވެ.

ސްރީލަންކާގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވައިސް އެޑްމިރަލް ރަވިންދުރަ ވިޖެގްނަރަތުނަ ވިދާޅުވި ކަމަށް ނިއުސް ފަސްޓް ލަންކާ ނަމަކަށް ކިޔާ ނޫހަކުން ބުނީ ހިފަހައްޓާފައި ވަނީ 'އަވަންޓް ގާޑް' ނަމަކަށް މިޔާ ފްލޯޓިން އާމޮރީ (ހަތިޔާރު ގުދަނެއް) ކަމަށެވެ. ސްރީލަންކާގައި ރަޖިސްޓްރީކޮށްފައިވާ އެ އުޅަނދު ލަންކާގެ ކަނޑުގެ ސަރަހައްދަށް އައީ ސޫދާނުން ކަމަށާއި އެ އުޅަނދު ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަނީ ކުރިން އެންގުމަކާ ނުލައި ކަމަށް ވެސް ބުންޏެވެ.

އެޑްމިރަލް ވިޖެގްނަރަތުނާ ވިދާޅުވެފައިވާ ގޮތުގައި ބޯޓް ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަނުމުން ކަނޑުގެ ސިފައިން އެކަމަށް ވަރަށް އަވަހަށް ސަމާލުކަން ދިން ކަމަށާއި އެގޮތުން ބޯޓާ ބެހޭ ތަފުސީލު ދިނުމަށް އެދުނު ކަމަށެވެ.

ގާލީ ބަނދަރަށް ބޯޓް ވަންނަން ބޭނުންވަނީ ކޮން ކަމަކާތޯ ސުވާލު ކުރުމުން ބޯޓުން ބުނެފައި ވަނީ، އެއީ ބޯޓުގެ ފަޅުވެރިން ފޭބުމަށާއި ސްރީލަންކާއާ ބޯޓް ހަވާލުކުރުމަށް ކަމަށެވެ. އަދި އެބޯޓްގައި ހަތިޔާރު ހުރިތޯ ސުވާލުކުރުމުން ހަތިޔާރު ނެތްކަމަށް ބުނި ކަމަށާއި އެހެން ނަމަވެސް މިމަހުގެ ހަ ވަނަ ދުވަހު ލަންކާގެ ކަނޑުގެ ސިފައިން އެބޯޓަށް އެރި އިރު އޭގައި 810 ހަތިޔާރެއް ހުރި ކަމަށް ވެސް ލަންކާގެ ކަނޑުގެ ސިފައިން ވަނީ ބުނެފަ އެވެ. ބޯޓް ދުއްވަން ހުރީ ލަންކާ މީހެއް ކަމަށް ކުރިން މައުލޫމާތު ދީފައިވީ ނަމަވެސް އޭގެ އިސް މީހަކަށް ހުރީ ޔުކްރެއިން މީހެކެވެ.

"ނޭވީ ކޮމާންޑަރު ވިދާޅުވީ އުޅަނދު ދުއްވަމުން ދިޔައީ ދިވެހި ރާއްޖެއާ ކައިރިން ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެ އުޅަނދު އެހެން ގައުމަކުން ހިފެހެއްޓި ނަމަ މާ ސީރިއަސް މައްސަލަތައް ކުރިމަތިވީހެވެ،" ލަންކާ ނޫހުގައިވެ އެވެ.

ސްރީލަންކާގެ ކަނޑުގެ ސިފައިން އަންނަނީ އުޅަނދާ ބެހޭ ތަހުގީގެއް ކުރަމުންނެވެ. އެއުޅަނދު ރާއްޖެއާ ކައިރިން ދަތުރުކުރި ސަބަބެއް އަދި ނޭނގެ އެވެ.