28 Mar 2011, 08:42
ބެންޣާޒީ : ހުޅަނގުގެ ވައިގެ ޙިމާޔަތާއެކު ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިން، ގައްޒާފީގެ ބާރުތަކުގެ މައްޗަށް ބޮޑެތި ކާމިޔާބީ ތަކެއް ހޯދަމުން އެބަގެންދެއެވެ.
ލީބިޔާގައި ހަރަކާތްތެރިވާ މުރާސިލުންނާ ޙަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި އިދިކޮޅު ހަނގުރާމަވެރިން އިއްޔެވަނީ ގައްޒާފީގެ ބާރުގެ ދަށުގައިވާ އިތުރު ތިންރަށެއް މިނިވަންކޮށްފައެވެ. އެއީ ތެލުގެ އިންޑަސްޓްރީގެ ރަށެއްކަމަށްވާ ރައުސް ލާނޫފް އާއި އަލްޢުޤައިލާ އާއި ބިންޖަވާދެވެ. މިތިންރަށަކީވެސް ޓްރިޕޮލީގެ އިރުމަތީގައިވާ ތިންރަށެވެ.
މިދިޔަ ހޮނިހިރު ދުވަހު އިދިކޮޅު ފަރާތްތަކުންވަނީ ގައްޒާފީގެ ބާރުތަކުގެ ދަށުގައިވާ ދެރަށްކަމަށްވާ އަޖްދާބިޔާއާއި އަލްބްރޭގާ މިނިވަންކޮށް އެދެރަށުން ގައްޒާފީގެ ބާރުތައް ބޭރުކޮށްލާފައެވެ. މިރަށްތަކަކީ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވަނިކޮށް ބާރުގެ ބޭނުންކޮށްގެން ގައްޒާފީގެ ސަލާމަތީ ބާރުތަކުން މީގެ ދެހަފްތާކުރިން ހިފާފައިވާ ރައްތަކެކެވެ.
އިދިކޮޅު ހަނގުރާމަވެރިން ބުނާގޮތުން އެމީހުންގެ މިހާރުގެ އެންމެ އަވަސް އަމާޒަކީ ގައްޒާފީގެ ބާރުގެ ދަށުގައިވާ ސިރްތު އާއި މިސްރާތާ މިނިވަންކުރުމެވެ. މިއީ ބޮޑު ދެރަށެވެ. ސިރްތަކީ ގައްޒާފީ އުފަންރަށެވެ. މިއީ ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ވަރަށް ބޮޑަށް ތަރައްޤީކޮށްފައިވާ ރަށެކެވެ. ގައްޒާފީއަށް ތާއީދުކުރާ މީހުން އެންމެ ގިނަވާނެ ކަމަށް ބެލެވިފައިވަނީވެސް ސިރްތު ގައެވެ.
ރޭ ލީބިޔާގެ ގަޑިން އިރާކޮޅު ހުޅަނގުގެ ބާރުތަކުން ވަނީ ސިރްތުގައިވާ ގައްޒާފީގެ ބާރުތަކަށް ވައިގެ މަގުން ބޮމުގެ ވަރުގަދަ ޙަމަލާތަކެއްދީފައެވެ. ހުޅަނގުގެ ބާރުތައް ގައްޒާފީގެ އުފަންރަށަށް މިހާވަރުގަދަ ޙަމަލާތަކެއް ދިނުމުގެ ބޭނުމަކީ ގައްޒާފީއަށް ބިރުދެއްކުމުގެ މެސެޖެއްދިނުން ކަމަށް މުރާސިލުން ބުނެއެވެ.
މި މެސެޖްގެ މަޤްސަދަކީ އަމާންދީ ޤައުމުން ބޭރަށް ފިއްލެވުން ނޫންގޮތެއް ނޯންނާނެކަން ގައްޒާފީއަށް ވިސްނައިދެވޭތޯ ބެލުން ކަމަށް މުރާސިލުން ބުނެއެވެ. ގައްޒާފީގެ ކޮންޓްރޯލުން ސިރްތު ބީވެއްޖެނަމަ އިދިކޮޅު ފަރާތްތައް ޓްރިޕޮލީއަށް ވަދެ ގައްޒާފީގެ ކޭންޕަށް ހަމަލާދިނުމަށް މަގުފަހިވެގެންދާނެ ކަމަށް މުރާސިލުން ބުނެއެވެ.
ގައްޒާފީގެ ސަރުކާރުގެ އިސްމަސްއޫލުވެރިއަކުވަނީ ހުޅަނގުގެ ހަމަލާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ހުޅަނގުގެ ހަމަލާތަކުގައި ލީބިޔާގެ އެތަށް ސަތޭކަ ޢާންމުން މަރުވެފައިވާކަން ހާމަކުރައްވާފައެވެ.
-- އަލްޖަޒީރާ