10 Oct 2015, 21:49
ހ. ފެންނާގޭ ހަވަނަ ފަންގިފިލާގެ ލިފްޓު ގޮޅިން މިއަދު ވެއްޓުނު އަށް މަހުގެ ތުއްތު ކުއްޖާހެ ބޮލުގެ ނާށިގަނޑު އެކި ތަންތަނުން ވަރަށް ބޮޑަށް ފަޅައިގެން ގޮސް ލޭ އެޅިފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު މިރޭ "ސަން" އަށް ވިދާޅުވީ ތުއްތު ކުއްޖާ އަދި ވެސް އޮތީ އައިސީޔޫގައި ކަމަށެވެ. އަދި ތުއްތު ކުއްޖާގެ ބޮލަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އެ ކުއްޖާ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ކުރިޓިކަލް އިނގޭތޯ ތުއްތު ކުއްޖާ. އެ ކުއްޖާ ވަރަށް ބަލި. ބޮލަށް ލިބިފައި ހުރި ގެއްލުންތަކެއްގެ ސަބަބުން މިހާރު އެވަނީ އޮޕަރޭޝަނެއް ކުރެވިފައި. އަދިވެސް އެކުއްޖާ އޮތީ އައިސީޔޫގައި،" އައްފާލު ވިދާޅުވި އެވެ.
އައްފާލު ވިދާޅުވީ ކުއްޖާއާ އެކު ލިފްޓް ގޮޅި ތެރެއަށް ވެއްޓުނު އެ ކުއްޖާގެ މާމަގެ ހާލު މިހާރު އަންނަނީ "ސުޓޭބަލު" ވަމުން ކަމަށެވެ.
ފެންނާގޭގެ ލިފްޓްގޮޅި: މި ލިފްޓު ގޮޅިން ވެއްޓުނު ތުއްތު ކުއްޖާގެ ބޮލުގެ ނާށިގަނޑުގެ އެކިތަންތަނުން ފަޅައިގެން ގޮސްފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނި -- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ތުއްތު ކުއްޖާ އާއި އެ ކުއްޖާގެ މާމަ ލިފްޓު ގޮޅިން ވެއްޓުނު ހ. ފެންނާގޭގައި ދިރިއުޅޭ މީހަކު މިރޭ "ސަން" އަށް ބުނީ ތުއްތު ކުއްޖާ ވެއްޓިފައި އޮތް އިރު އެ ކުއްޖާގެ ހަރަކާތް ހުއްޓިފައިވާ ކަމަށެވެ. އޭނާ ބުނީ އެ ކުއްޖާގެ މާމަ ވެއްޓިފައި އޮތް އިރު އޭނާ ލައިގެން ހުރި ހެދުން ލިފްޓު ގޮޅިތެރޭގައި ހުރި ހޮޅިދަނޑިއެއްގައި އަޅައިގަނެފައިވާ ކަމަށެވެ. އަދި ބުނީ ތުއްތު ކުއްޖާ ވެއްޓުނު އިރު ލައިގެން ހުރި ނެޕީ ވެސް ނެއްޓިފައިވާ ކަމަށެވެ.
"ލިފްޓު ގޮޅި ކުރިން ހުރީ ބައްދާފައި. ބައްދާފައޭ މި ބުނީ ކުޑަވަރެއްގެ ފާރެއް ރާނާފައި ހުރީ. އެކަމަކު ލިފްޓު ލުމަށް ކަމަށް ބުނެ އެ ފާރު ތަޅާލިތާ އަދި ނުވާނެ މާ ގިނަ ދުވަހެއް. އަޅުގަނޑުމެންނަށް ވެސް އުނދަގޫވޭ މިހާރު އެ ލިފްޓު ގޮޅިއާ ދިމާލަށް ބަލާލަން ވެސް. ބިރުގަނޭ. މި އިމާރާތުގައި ވަަރަށް ގިނަ ތުއްތު ކުދިން އުޅޭނެ." ހ. ފެންނާގޭގައި ދިރިއުޅޭ މީހާ ކިޔައިދި ނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، މިއަދު މެންދުރު 12:38 އެހާކަންހާއިރު، ހ. ފެންނާގޭ ހަ ވަނަ ފަންގިފިލާއިން އަށް މަހުގެ ތުއްތު އަންހެން ކުއްޖަކާއި 56 އަހަރުގެ އަންހެނަކު އެ ގޭގެ ލިފްޓް ގޮޅިއަށް ވެއްޓި އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.