10 Oct 2015, 17:19
ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މަގާމުން ސުޝިލް ކޮއިރާލާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އިކޮނޮމިކް ޓައިމްސް ނޫހުން ބުނީ އޭނާ އިސްތިއުފާ ދެއްވީ އެ ގައުމަށް އާ ބޮޑުވަޒީރަކު މާދަމާ އައްޔަން ކުރުމަށް ޕާލަމެންޓުން ތައްޔާރުވުމުން ރަސްމީ ކަމެއް ފުރިހަމަ ކުރުމުގެ ގޮތުން ކަމަށެވެ. އޭނާ އަކީ ވެސް މާދަމާ ނޭޕާލުގެ ޕާލަމެންޓްގައި ބޮޑުވަޒީރަކު ހޮވުމަށް ނަގާ ވޯޓުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ބޭފުޅެކެވެ.
ކޮއިރާލާ ވިދާޅުވެފައި ވަނީ އޭނާއަށް ބޮޑުވަޒީރުކަމުގެ މަގާމު ކާމިޔާބު ކުރެއްވުނަސް އަދި ނުކުރެއްވުނަސް ނޭޕާލްގެ ސިޔާސީ ޕާޓީތަކުގެ އެއްބައިވަންތަ ކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ސުޝިލް ކޮއިރާލާގެ އިސްތިއުފާގެ ސިޓީފުޅު ނޭޕާލްގެ ރައީސް ރާމް ބަރަން ޔާދޭވްއަށް ހުށަހެޅުއްވުމުން އޭނާ ވަނީ އިސްތިއުފާ ގަބޫލުކުރައްވާފަ އެވެ. އަދި އާ ބޮޑުވަޒީރަކު އައްޔަން ކުރެވެންދެން އިދާރީ ކަންތައްތައް ބެލެހެއްޓެވުމަށް ރައީސް ވަނީ ކޮއިރާލާގެ އަރިހުން އެދިވަޑައިގެންފަ އެވެ.
ނޭޕާލްގެ ރަސްކަން އުވާލައި، ގާނޫނު އަސާސީއެއްގެ ދަށުން ހިނގާ ޕާލަމެންޓްރީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުވި ފަހުން އެގައުމު ވެފައި ވަނީ ސިޔާސީ ކޯޅުން ބޮޑު ގައުމަކަށެވެ.