އަޅުގަނޑު ހިސާބަކަށް ވާހަކަ ލިޔެ އުޅެމެވެ. އެކަމަކު ވާހަކައެއް ނުލިޔެވޭތާ ދުވަސްތަކެއް ވަނީ ވެފައެވެ. މިފަހަރު އަޅުގަނޑު ގަސްދުކުރަނީ އެއް ފަހަރާ ހަތަރު ވާހަކަ ލިޔާާށެވެ.

މިއީ ފުރަތަމަ ވާހަކަ އެކެވެ؛ ކަނާތުން ފަތް ލިބޭ މީހާއަށް ވާނެ ގޮތާއި، ވާތުން ފަތް ލިބޭ މީހާއަށް ވާނެ ގޮތުގެ ވާހަކަ، ކޮންމެ ހުކުރު ހުތުބާއެއްގައި އަންނާތީ، އިސްލާމް ދީނުގެ އެނޫން މައުލޫޢުތަކަށް އަލި އަޅުވައިލެވޭ ހުކުރު ހުތުބާތަކަށް އަޅުގަނޑު ކުރަމުން އައި އުންމީދު ވަނީ ފުރިހަމަ ވެފައެވެ. އެކަން ކުރި ބަޔަކު ވެސް އުޅޭނެ އެވެ. އަޅުގަނޑު ނުދެނެހުރީމެވެ. ކަންކޮށްފައި އޮތުމުން އެކަން ކުރި ބަޔަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ!

އެހެން ވާހަކަ އެކެވެ؛ ހުކުރު ހުތުބާތައް ހަމަ ވަރަށް ސަޅި އެވެ. އެއިރެއްގައި ދިހެވި ގައުމު އިސްކަންދޭ ކަންކަމަށާއި ހާލަތުގެ މައްޗަށް ޝައުގުވެރިވާ ހުތުބާތައް ވިދާޅުވެ އެވެ. ހުރިހާ ވާހަކައެއް އާދެ އެވެ. ކުނިބުނީގެ ވާހަކަ ވެސް އާދެ އެވެ. ސާފުތާހިރު ކަމުގެ ވާހަކަތައް ވެސް އާދެ އެވެ. މަގުމަތީގައި ކުނި ކޮތަޅު ބެހެއްޓުމުގެ މައްޗަށް ވެސް ދީނީ ނަޒަރިއްޔާތައް ގެނެސްދެ އެވެ. ހަމަ ވަރަށް ކަމުދެ އެވެ. ސަޅި އެވެ. އެހެން ނަމަވެސް މިއޮއްބޮޑު މާލޭގެ ގޭބިސީތަކުން ކުނިވާތަކެއްޗާއި ކުންޏަށްވަންޏާ ވާހާއެއްޗެއް އުކާލާ މުޑުދާރު ކުނިގޮނޑަށް އަޅުގަނޑުމެންގެ މުސްލިމުންގެ އެންމެ މުގައްދަސް ފޮތް، މާތް ﷲ ގެ ކަލާން ފުޅު، ކީތިރި ގުރުއާންގެ މުސްހަފުތައް އުކާ ފުނިޖެހެމުންދާތާ މިހާރު ތިންމަހަށް ވުރެ ގިނަވީ އެވެ. އެންމެ ހުކުރު ހުތުބާއެއްގައި ވެސް ބޮޑުވެގެންވާ ނުރައްކާތެރި އެމައްސަލައާއި ބެހޭ ގޮތުން ސުރުހީ އަޅައިލެވިފައިވެސް ނުވެ އެވެ. އަޅުގަނޑު ދަންނަ ވަރަށް މިހާވަހަކަ ވެސް ކިޔައިދެވިއްޖެ އެވެ. އެހެންވެ ދޫކޮށްލީ އެވެ.

އަދި އެހެން ވާހަކަ އެވެ؛ މާލޭ ކުނިގޮނޑަށް ކީތިރި ގުރުއާންގެ މުސްހަފުތައް އުކަމުންދާ މައްސަލައެއް އުފުލިގެން އުޅޭތީ އެކަމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓަރީގެ އިސް ބޭފުޅަކަށް ނޫސްވެރިޔަކު ސުވާލު ކުރުމުން ދެއްވާފައިވާ ޖަވާބެއް ހަބަރަކުން އަޅުގަނޑު ކީމެވެ. އޭގައި "މި ފަހަކަށް އައިސް ގުރުއާން ގޮނަޑަށް އުކަލާފައި ހުންނަ ކަމުގެ ރިޕޯޓްތައް އާދެއޭ، އެއީ ވަރަށް ނުރައްކާތެރިކަމެކޭ، އެކަމާ އަޅުގަނޑުމެން ވަރަށް ކަންބޮޑުވެއޭ" ވިދާޅުވެފައި އޮތީމާ އަޅުގަނޑު މިހުރީ ހަމަ އަޖައިބު، ހައިރާން ވެފަ އެވެ. ދިވެހި ދައުލަތް ހިންގާ ސަރުކާރުން އިސްލާމިކް މިނިސްޓަރީ ހަދާފައި ވަނީ "ކަންބޮޑުވެއޭ" ބުނެލުމަކުން ފުއްދާލަން އެކަނި ހެއްޔެވެ؟ އެހެން ކަމަށްވަންޏާ މިވާހަކަ އިތުރަށް ނުދައްކާ ދޫކޮށްލީ އެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ!

އެހެން ވާހަކަ އެކެވެ. އަޅުގަނޑު ދަންނަ ގޮތުން މުސްލިމުންގެ ހިތާއި، މެޔާ އެންމެ ކައިރި ކުރާން ޖެހޭނީ މާތްﷲ ގެ ކަލާންފުޅު، ކީރިތި ގުރުއާނެވެ. އެއީ އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީތީ އެވެ. އަޅުގަނޑުމެން މުސްލިމް ދިވެހިން ކަމަށް އިގުރާރުވެގެން މި ތިބީތީ އަޅުގަނޑުމެން އެގޮޅިއަށް ފެތޭތީ އެވެ. އަޅުގަނޑުމެންގެ މުގައްދަސް ފޮތް، ކުނިގޮނޑަށް އުކައި، ފެނާއި ކުނި ބުނިބުންޏާއި، ޗަކަހާއި، އުނގުޅައި ޗަސްކޮށް މޮޑެ، އޭގެ މަތީގައި ބިޔަ ހައިމާކްތައް ދުއްވަން ދޫކޮށްލުން އެއީ އަޅުގަނޑުމެންގެ "ލަދު ހަޔާތުގެ ކަންފުޅެއް" ވެސް ނެތުން ކަމުގައި ނުބުނެވޭނެތޯ އެވެ. އަޅުގަނޑު މިވާހަކަ ލިޔުނީމާ ހިތްހަމަ ނުޖެހޭ ބަޔަކު މިހާރުގެ ވެށީގައި ހަމަތިބެދާނެ އެވެ. އެހެންވީމާ ދެން އެވާހަކައެއް ވެސް ދައްކާކަށް ބޭނުމެއް ނޫނެވެ.

ވާހަކަތައް ކިޔުއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ!