10 Oct 2015, 16:31
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ކަަމަށް އެ ކުންފުނީގެ ބޯޑުގެ ޗެއާމަން މުހައްމަދު ޖުނައިދު ހަމަޖައްސަވައިފި އެވެ.
ކުރިން އެކުންފުނީގެ ސީއީއޯ މަހުދީ އިމާދު ވަނީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އަށް ބަދަލުކޮށްފަ އެވެ.
އައްޑޫ ސިޓީގައި ހުންނަވައިގެން 'ސަން' އަށް މައުލޫމާތު ދެއްވަމުން ޖުނައިދު ވިދާޅުވީ އެއީ ރައީސް އޮފީހުން ގެންނެވި ބަދަލެއް ކަމަށެވެ.
"ލަފާ ކުރެވޭ ގޮތުގައި ރައީސްގެ ވިސްނުން ހުރީ މިހާރު އޮތް ހާލަތުން އެމްޕީއެލްގެ ހާލަތު ރަނގަޅުކުރަން. އަޅުގަނޑުގެ ތަޖުރިބާ އާއި އަޅުގަނޑަށް އެ ދާއިރާގައި ލިބިފައި، ހުރި ތައުލީމާއި މި ހުރިހާ އެއްޗަކަށް ބަލާފައި،" ޖުނައިދު ވިދާޅުވި އެވެ.
ޖުނައިދު ވިދާޅުވީ ޗެއާމަނަކަށް ހުންނެވި އިރު ކުންފުނީގެ ކަންތައްތަކުގައި 'އެކްޓިވް' ރޯލެއް ނޯންނަ ކަމަށާއި މެނޭޖްމެންޓްތެރެއަށް ނުވަދެވޭ ކަމަށެވެ.
ނަމަވެސް ސީއީއޯގެ މަގާމުގައި ހުރެގެން ކުންފުނީގެ ކަންތައްތައް ރަނގަޅުވާނެ ކަަމަށް ޔަގީންކަން ޖުނައިދު ދެއްވި އެވެ.
"ދިވެހި ވިޔަފާރިވެރިންނަށް ޔަގީންކަން އެބަދެން މިއަދު ބަނދަރުގަ ވިޔަފާރިވެރިންނަށް ދިމާވާ ހާލަތުން އޭތި ރަނގަޅުކުރާނެ ކަން،" ޖުނައިދު ވިދާޅުވި އެވެ. ބޯޓް ފަހަރު މެނޭޖު ކުރުމުގެ ދާއިރާގައި ޖުނައިދު ވަނީ 22 އަހަރު މަސައްކަތް ކުރައްވާފަ އެވެ.
ޖުނައިދަކީ އަމިއްލަ ވިޔަފާރީގެ ދާއިރާގައި ވެސް ހަރަކާތްތެރިވާ ބޭފުޅެކެވެ.