10 Oct 2015, 16:01
ތުރުކީގެ ވެރިރަށް އަންކަރާގައި ދެ ގޮވުމެއް ގޮވުމުގެ ސަބަބުން 30 މީހުން މަރުވެއްޖެ އެވެ.
ތުރުކީ ސަރުކާރުން ހިންގާ އަނާޑޮލޫ ނޫހުން އެގައުމުގެ އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ ބުނީ އަންކަރާގެ މެދުތެރޭގައިވާ މަގެއްގެ ހަތަރުއަނގޮޅީގައި ހިނގި އެ ހާދިސާގައި މަރުވި މީހުންގެ އިތުރުން 126 ބަޔަކު ޒަހަމްވި ކަމަށެވެ.
ގޮވުންތައް ގޮއްވާލީ ކޮންބައެއް ކަމެއް އަދި ނޭނގޭ ކަމަށާއި އެހެން ނަމަވެސް އެއީ ބަޔަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ވެސް އެނޫހުން ބުންޏެވެ.
ހާދިސާ ހިނގި އިރު އެސަރަހައްދުގައި ގިނައިން ތިބީ ކުރުދީންގެ ޓެރަރިޓް ޖަމާއަތެއް ކަމަށްވާ ޕީކޭކޭއާ ތުރުކީ ސަރުކާރާ ދެމެދު ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ދެކޮޅަށް އަޑު އުފުލުމަށް މުޒާހަރާއެއް ކުރުމަށް ތައްޔާރުވަމުން ދިޔަ މީހުންނެވެ. އެހާދިސާގައި މަރުވި އަދި ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ މުޒާހަރާއަށް އެއްވި މީހުންނެވެ.
ގޮވުންތައް ގޮވި ހާދިސާއާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އަރުދުޣާން މިއަދު ބައިވެރިވެވަޑައިގަންނަވަން ހަމަޖެހިފައި އޮތް ހަރަކާތްތައް ވަނީ ކެންސަލް ކުރައްވާފަ އެވެ.