10 Oct 2015, 15:56
ސިޑިއާއި ސިޑިގޮޅިފަދަ ތަންތަނުން މީހުން ވެއްޓި ހިތާމަވެރި ހާދިސާތައް ހިނގަނީ ކަމާ ބެހޭ ގަވާއިދުތަކަށް އަމަލުނުކުރާތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ، ކަމާބެހޭ ގަވާއިދުތަކަށް ބައެއް މީހުން އަމަލުނުކުރާކަން ފާހަގަކުރެވޭ ކަމަށާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރާނަމަ އެފަދަ ހިތާމަވެރި ހާދިސާތައް މަދުކުރެވޭނެ ކަމަށެވެ.
"މިހާރު ހެދިފަ ހުރި ގާވާއިދުތަކަށް ބައެއް މީހުން އަމަލުނުކުރާކަން ފާހަގަކުރެވޭ. ސިޑީގަ ރޭލިންގް ލާންޖެހޭނެކަމާއި ރޭލިންގް ހުންނަންޖެހޭނެގޮތް ވެސް ކަމާގުޅޭ ގަވާއިދުގައި ހުންނާނެ. ގަވާއިދު ހުންނަގޮތަށް ރޭލިންގް ޖަހާނަމަ ސިޑިއަކުން މީހަކު ވެއްޓުމުގެ ޗާންސް ކުޑަވާނެ،" މުއިއްޒު ވިދާޅުވިއެވެ.
ހައުސިން މިނިސްޓަރު ވިދާޅުވީ، އިމާރާތުގެ ކަންތައް ބެލެހެއްޓުން މިހާތަނަށް އޮތީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށާއި ގާނޫނަށް ގެނައި ބަދަލާއެކު އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް އެކަންތައް ދިޔަފަހުން އިމާރާތް ކުރުމުގެ ދާއިރާގެ ކަންކަން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ލިފްޓު ބެހެއްޓުން މިހާތަނަށް ލާޒިމްކޮށްފައިނެތަސް، ވަކި އުސްމިނަކަށް އިމާރާތްކުރާނަމަ ލިފްޓު ބެހެއްޓުން ލާޒިމް ކުރުމަށް ގަވާއިދެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑަށް ޚަބަރުލިބޭގޮތުގައި ވަރަކަށް އަވަހަށް އެ ގަވާއިދު ފާސްވެގެން ގެޒެޓުކުރަން ފޮނުވޭނެ. ގެޒެޓުވީމަ އޭގަ އޮންނާނެ ވަކި އުސްމިނަކަށް ވުރެ މައްޗަށް އުސްކުރާ ތަންތަނުގައި ލިފްޓު ބަހައްޓަން މަޖުބޫރުވާގޮތަށް،" މުއިއްޒު ވިދާޅުވިއެވެ.
އެޕާޓްމަންޓުތައް ކުއްޔަށް ހިފާއިރު ފަރުދީގޮތުން ނަގަންޖެހޭ ޒިމާތަކެއް އޮތްކަން ހަނދާންކުރަންޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އަލަށް އިމާރާތް ކުރަން ހުއްދަދޭއިރު ސަލާމަތީ ކަންތައްތަކަށް ޒިންމާވުން މަޖުބޫރުވާގޮތަށް ގޭގެ ވެރިފަރާތާއި ކޮންޓްރެކްޓަރާއެކު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމެއްގައި ސޮއިކުރާގޮތަށް ދާދިފަހުން ހަމަޖައްސާފައިވާ ކަމަށެވެ. އެއީވެސް އިމާރާތް ކުރުމުގެ ދާއިރާގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު މާލޭގައި ގެއެއްގެ ލިފްޓު ގޮޅިން އަށް މަހުގެ ތުއްތު ކުއްޖަކާއި އަންހެނަކު ވެއްޓި ލިބުނު ސީރިއަސް ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.