ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހުސްވެފައިވާ ކޯޗްގެ މަގާމަށް ކުރިން ތަޖަކިސްތާނު އަދި ސްރީލަންކާގެ ގައުމީޓީމަށް ކޯޗްކަން ކޮށްދީފައިވާ ސާބިއާގެ ނިކޮލާ ކަވަޒޮވިޗް މިއަދު ހަމަޖައްސައިފިއެވެ.

އިނގިރޭސި ވިލާތުގައި ހުންނަވައިގެން ނިއުރޭޑިއަންޓްގެ ޗެއާމަން އަލީ ވަހީދް (ބަލަކް) ކުރެއްވި ޓުވީޓެއްގައި ވަނީ ޓީމަށް އަލަށް ހަމަޖެއްސި ކޯޗަށް މަރްހަބާ ދަންނަވާފައެވެ. އަދި ހޯމަ ދުވަހު ކޯޗް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

ކަވަޒޮވިޗް ވަނީ މީގެ ކުރިން ތަޖަކިސްތާން އަދި ލަންކާގެ ގައުމީ ޓީމަށް ކޯޗްކަން ކޮށްދީ ތަޖަކިސްތާނުގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަން އިސްތިގްލޯލް ޑުޝަންބީ އަށް 2012 ވަނަ އަހަރުގެ އޭއެފްސީ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބްކޮށްދީފައެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 46 މެޗުގެ ތެރެއިން 36 މެޗުން މޮޅުވި އެވެ.

ކަވަޒޮވިޗް އަކީ ޔޫއެފާ އޭ ލައިސެންސް އޮންނަ ކޯޗެކެވެ. އަދި އަންނަ އަހަރު އޭނާ ޔޫއެފާ ޕްރޯ ލައިސެންސް ފުރިހަމަ ކުރާނެއެވެ.

ނިއުގެ ކޯޗްގެ މަގާމަށް ކަވަޒޮވިޗް ހަމަޖެއްސީ ކުރިން އެ މަގާމްގައި ވަގުތީ ކޯޗެއްގެ ގޮތުގައި ހުރި ސޮބާހް މުހައްމަދު މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. ސޮބާ އިސްތިއުފާ ދިނީ އެންމެ ފަހުން އެޓީމް ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި 3-1 އިން ބަލިވެ ކޯޗެއްގެ ގޮތުގައި ސޮބާ ނިކުތް ފުރަތަމަ ފައިނަލުން ބަލިވި މެޗަށްފަހު އެވެ. އެހެންނަމަވެސް އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ އެއްވަނައިގައި އަދި އޮތީ ނިއު އެވެ.