27 Mar 2011, 22:19
ފިހާރައަކަށް ވަދެ ބަޔަކު ފޭރުނުތާ 48 ގަޑިއިރު ނުވަނީސް ތޫނު ހަތިޔާރު ހިފައިގެން ދެ މީހަކު ފިހާރައަކަށް ވަދެ، ސޭޓަކަށް އިން އަންހެންކުއްޖަކަށް ބިރު ދެއްކުމަށްފަހު ހާހަކަށްވުރެ ގިނަ ރުފިޔާ ފޭރިގަނެގެން ފިލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިރޭ އިރުއޮއްސުނު ވަގުތު ތޫނު ހަތިޔާރެއް ހިފައިގެން ތިބި ދެ މީހަކު މަޖީދީމަގު ފެއަރީކްއީން އަށް ވަދެ، ފިހާރައިގައި ސޭޓަކަށް އިން އަންހެން ކުއްޖަކަށް ތޫނު ހަތިޔާރުން ބިރުދައްކައި 1255ރ. ފޭރިގެންފައިވާ ކަމަށެވެ. ފެއަރީކްއީން އަށް ފޭރޭ މީހުން ވަދެ ފައިސާ ފޭރުނީ އިސްކަންދަރު މަގުގައި ހުންނަ ކަމަންޓްރޭޓާޒްއަށް ރޭ ވަދެ ފޭރެން މަސައްކަތް ކުރިތާ 48 ގަޑިއިރު ނުވަނީހެވެ.
ފުލުހުން ބުނީ ފެއަރީކްއީން ފިހާރައިން ފޭރުނު ދެ މީހުން ހައްޔަރު ކުރެވިފައި ނުވާ ކަމަށާއި އެ ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފަހަކަށް އައިސް މާލޭ ސިޓީގެ ފިހާރަތަކަށް ވަދެ ފޭރުން ވަނީ އާންމު ކަމަކަށް ވެފަ އެވެ. އެގޮތުން މިމަހުގެ ކުރީކޮޅު ވެސް ވަނީ ދެ ފަހަރެއްގެ މަތިން ފިހާރައަކަށް ވަދެ، ސޭޓުންނަށް ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރިގެން ފަ އެވެ. އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭންކުން ފައިސާ ނަގައިގެން ދިޔަ މީހެއްގެ އަތުން 243،000ރ. ފޭރިގެން ފައިފައިވާއިރު ހަމަ އެދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމްޓީސީސީ ކުރިމަތީ ފަޅުތެރޭގައި އަޅާފައި އޮތް މަސް ދޯންޏަކުން 11،300ރ. ވެސް ވަނީ ވަގަށް ގެންގޮސްފަ އެވެ.
އެންމެފަހުން ބޮޑެތި ވައްކަންތަކެއް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި 17 މީހުންނަކީ ޖަލު ހުކުމް ތަންފީޒުކުރަމުންދިޔަ ބަޔަކެވެ އަދި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން، މާލެއާ ހުޅުމާލޭގެ 16 ތަނަކުން ވައްކަންކަމާއި ފޭރިފައިވާ ދެ ނެޓް ވޯކެއްވެސް ވެސް ފުލުހުން ވަނީ އަތުލައިގެންފައި ވެއެވެ.