10 Oct 2015, 15:23
އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެވަޑައިގެންފި އެވެ.
ސުސްޝްމާ ރާއްޖެ ވަޑައިގަތީ މިއަދު މެންދުރު ފަހު 3:00 އެހާކަންހާއިރު އެވެ. އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އެކަމަނާއަށް މަރުހަބާދެންނެވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންވެ.
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖުގައި ދެ މިނިސްޓަރުން ވަނީ ބައްދަލުކުރައްވައިފަ އެވެ.
ސުޝްމާ މިއަދު ރާއްޖެވަޑައިގަތީ ރާއްޖެ އާއި އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަކަށެވެ.
މިއީ އެ ކޮމިޝަނުގެ ފަސްވަނަ ބައްދަލުވުމެވެ. އެހެންނަމަވެސް ޖޮއިންޓް ކޮމިޝަނުގައި މަޝްވަރާކުރެވޭނެ ކަންތައްތަކެއް ރަސްމީކޮށް އެއްވެސް ގައުމަކުން ބުނެފައެއް ނުވެ އެވެ. އެ ކޮމިޝަނުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ނެރެފަައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެކަމަނާ ރާއްޖެ ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނުގެ ދައުވަތަކަށް ކަަމަށެވެ.
ސުޝްމާ ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު ރާއްޖެ އަށް ވަޑައިގެން ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފަ އެވެ.