މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ސަރުކާރުން ވިއްކާ ޓުރެޒަރީ ބިލްގެ އިންޓެރެސްޓް ރޭޓް ދަށްކޮށްފި އެވެ.

ޓްރެޒަރީ ބިލަކީ ލޯނެކޭ އެއްގޮތަށް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ އެއްޗެކެވެ.

އާންމުކޮށް ޓްރެޒަރީ ބިލް ވިއްކަނީ ލޯނަށް ވުރެ ކުރު މުއްދަތަކަށެވެ. އެމްއެމްއޭ ވެބްސައިޓްގާ އާއްމުކޮށްފައިވާ ރޭޓްތަކަށް ބަލާއިރު ކުރިން 7.5 ޕަސެންޓާއި ނުވަ ޕަސެންޓާ ދޭތެރޭ ހުރި އިންޓްރެސްޓް ރޭޓްތައް ވަނީ 3.5 ޕަސެންޓާއި 4.6 ޕަސެންޓާ ދޭތެރޭ ރޭޓްތަކަށް ދަށްކޮށްފަ އެވެ.

އެމްއެމްއޭގެ ވެބްސައިޓްގައިވާ ގޮތުން މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ޓީ ބިލް ގަންނާނީ 28 ދުވަހަށް 3.50 ޕަސެންޓް އިންޓަރެސްޓް ރޭޓްގަ އެވެ. އަދި 91 ދުވަހަށް ގަންނާނީ 3.87 ޕަސެންޓް ރޭޓްގަ އެވެ.

އޭގެ އިތުރުން 182 ދުވަހަށް 4.23 ޕަސެންޓް ދޭއިރު، 364 ދުވަހަށް ގަންނަ ޓީ ބިލަށް އިންޓަރެސްޓް ރޭޓްގެ ގޮތުގައި ނިންމާފައި ވަނީ 4.60 ޕަސެންޓެވެ.

ސަރުކާރުން ދަނީ ދިގު މުއްދަތުގައި އަދާކުރާ ގޮތަށް އެމްއެމްއޭ މެދުވެރިކޮށް ޓްރެޝަރީ ބޮންޑް ވެސް ވިއްކަމުންނެވެ.