ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ލިވަޕޫލަށް ތައްޓެއް ހޯދައިނުދެވިއްޖެނަމަ އިސްތިއުފާދޭނެ ކަމަށް އެ ޓީމްގެ ކޯޗުކަމާ އަލަށް ހަވާލުވި ޔާގަން ކްލޮޕް ބުނެފިއެވެ.

ކޯޗުކަމާ ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުނީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ލިވަޕޫލަށް ތައްޓެއް ހޯދައިނުދެވިއްޖެ ނަމަ ލިވަޕޫލް ދޫކޮށްލައި ސުވިޒަލޭންޑަށް ބަދަލުވާނެ ކަމަށެވެ.

"ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބް ކަމަށްވާ ލިވަޕޫލްއާ ހަވާލު ވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެއް. މިވަގުތު ލިވަޕޫލް އޮތީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫން. ނަމަވެސް އަހަރެންގެ އަމާޒަކީ ލިވަޕޫލަށް ކާމިޔާބީ ހޯދައި ދިނުން،" ކްލޮޕް ބުންޏެވެ.

ކްލޮޕް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވީ، ތިން އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން އިއްޔެއެވެ.

ކްލޮޕް ޕްރިމިއާ ލީގް ސިފަ ކޮށްފައިވަނީ ދުނިޔޭގެ އެންމެ އުދަގޫ އެއްފްޓްބޯޅަ ލީގުގެ ގޮތުގައެވެ. އަދި ލިވަޕޫލަށް ވެސް އުދަގޫތަކާ ކުރިމަތި ވަނީ އެ ލީގްގައި ކުޅެތީ ކަމަށް އޭނާ ބުންޏެވެ.

ކްލޮޕް ލިވަޕޫލްގެ ކޯޗްކަމާ ހަވާލުވުމަށް ފަހު ލިވަޕޫލްގެ ގެ ޖާޒީއެއް ހިފައިގެން --- ފޮޓޯ: އިންޑިޕެންޑެންޓް

ލިވަޕޫލްގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ބްރެންޑަން ރޮޖާސް އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ރޮޖާސް ވަކިކޮށްފައިވާއިރު، އެންމެފަހުން ލިވަޕޫލްއިން ކުޅުނު އަށް މެޗުން ވެސް އެޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ލިވަޕޫލް މިވަގުތު އޮތީ ޕްރިމިއަރ ލީގުގެ 10 ވަނައިގައެވެ.

މިދިޔަ ސީޒަނަށްފަހު ޑޯޓްމަންޑްގެ ކޯޗުކަމުން ވަކިވި ކްލޮޕް މިދިޔަ ދުވަސްތަކުގައި ހުރީ، ޗުއްޓީއެއްގައެވެ.

ދެހާސް އަށްވަނަ އަހަރުން ފެށިގެން ޑޯޓްމަންޑަށް ކޯޗުކަންކޮށްދިން ކްލޮޕް ވަނީ، އެ ކްލަބަށް ޖަރުމަނު ލީގާއި ޖަރުމަނު ސުޕަ ކަޕް 2 ފަހަރު އަދި ޖަރުމަނު ކަޕެއް ވެސް ހޯދާދީފައެވެ. މީގެއިތުރުން އޭނާ ވަނީ އެ ކްލަބް 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ގެންގޮސްދީފައެވެ.

ކްލޮޕްގެ އިރުޝާދުގެ ލިވަޕޫލް ކުޅޭ ފުރަތަމަ މެޗަކަށްވާނީ، މި މަހުގެ 17 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗެވެ.