ބުރާސްފަތި ދުވަހުގެރޭ އިންޑިއާގައި ރިލީޒް ކުރި ސަންޖޭ ގުޕްތާގެ ފިލްމް "ޖަޒްބާ"ގައި އައިޝްވާރިއާގެ އެކްޓިންއަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒު ވެއްޖެ އެވެ.

ފިލްމުގައި އައިޝްވާރިއާ އަކީ ގައުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ގާނޫނީ ވަކީލެވެ. ވަކީލެއްގެ ގޮތުން ގިނަ ކޭސްތަކެއް ވިންކޮށްފައިވާ އައިޝްވާރިއާ މަރުގެ މައްސަލައެއްގައި ދިފާއީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރަން ޖެހުނީ ބަޔަކު އޭނާގެ އަންހެން ދަރިފުޅު ރޭޕް ކުރުމާ ގުޅިގެނެވެ. އަދި ދަރިފުޅު ސަލާމަތް ކުރުމަށް އިތުރުގޮތެއް ނެތިގެނެވެ.

ޖަޒްބާގައި ބޮޑަށް ދައްކުވައިދެނީ އެ މަރުގެ މައްސަަލަ ވިން ކުރުމަށް އައިޝްވާރިއާ ކުރާ މަސައްކަތެވެ. އަދި ދަރިފުޅު ހޯދުމަށް ވާ ގުރުބާނީ އެވެ.

ގިނަދުވަސްތަކަކު ފިލްމީ ދާއިރާއާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް އައިޝްވާރިއާ ކުޅުނު ފުރަތަމަ ފިލްމުގައި އޭނާގެ އެކްޓިން ކަމު ނުދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މާބޮޑަށް އޯވާ އެކްޓްކޮށްފައި ހުރިކަމަށް މީހުން ބުނެ އެވެ.

ރާއްޖޭގެ ޝުވެކް ސިނަމާގައިވެސް ރޭ ވަނީ އެ ފިލްމު އަޅުވާފަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ރޭ އެ ފިލްމު ބަލަންގޮސްފައިވާއިރު ފިލްމަށް ދިވެހިންގެ ފާޑު ކިއުންވެސް އަމާޒުވި އެވެ. ދިވެހިންގެ ތެރެއިން ވެސް ގިނަ މީހުންނަށް ޖަޒްބާ ކަމަކު ނުދިޔަ އެވެ. ގިނަ ބަޔަކު ބުނީ "އައިޝްވާރިއާގެ ފިލްމެއްގައި ހުންނަން ޖެހޭ ފެންވަރެއް ނެތް" ކަމަށެވެ.

"މޮޅު ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުގައި ވަކާލާތު ކުރި އިރު ވެސް ދެން މާބޮޑަށް އޯވާ އެކްޓްވެފައި ހުރީ. އެހާ އަސްލާ އެއްގޮތެއް ނޫން،" ރޭ ޝުވެކް ސިނަމާއަށް ޖަޒްބާ ބަލަން ދިޔަ ދިވެއްސަކު ބުންޏެވެ.

ރާއްޖޭގެ އިތުރުން އިންޑިއާގައި ވެސް ފިލްމް ޖަޒްބާ ކަމުނުގޮސްގެން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ޖަޒްބާއާ ބެހޭ ގޮތުން އިންޑިއާގެ ދަ އިންޑިއަން އެކްސް ޕްރެސް ނޫހުގައި ބުނެފައި ވަނީ ފިލްމުގެ ޑައިރެކްޓަރު ބޮޑަށް މަސައްކަތް ކޮށްފައި ހުރީ އައިޝްވާރިޔާގެ ބައި ބޮޑަށް ދައްކުވައިދޭން ކަމަށާއި އެކަމުގެ ސަބަބުން ސަޕޯޓިން އެކްޓަރު އިރުފާނު ހުރީ ފިލްމުން ގެއްލިފައި ކަހަލަގޮތަކަށް ކަމަށެވެ.

ފިލްމުގައި ސަޕޯޓިންގެ އެކްޓަރު އިރުފާނުގެ އެކްޓިން ރަނގަޅުކަމަށް ގިނަ ބަޔަކު ފާހަގަކުރި އެވެ. ނަމަވެސް މުޅި ޖުމްލަކޮށް ފިލްމަށް ގިނަ ބަޔަކު ދިނީ "ނެގެޓިވް" ކޮމެންޓެވެ.