ޕެޕަރ ސްޕްރޭ އަކީ ބައެއް ގައުމުތަކުގައި އަމަން ބަލަހައްޓާ ސިފައިން ވަކިތަނަކަށް އެއްވެފައިވާ ބަޔަކު ރޫޅާލާ ދުރަށް ފޮނުވާލުމަށް ބޭނުން ކުރާ ކެމިކަލް އެކެވެ. މި ސްޕްރޭ ޖެހުމުގައި ބޮޑަށް ބޭނުން ކުރަވެނީ ގޭހެއްގެ ގޮތުގައި ފުޅިފުޅީ ގައި ބޭނުން ކޮށްގެން ކަމުގައި ވިޔަސް ސްޕްރޭ އަޅާފައި ވާ ކުދިކުދި ބޯޅަތައް ބޭނުން ކުރާތަން ވެސް ފެނެއެވެ. ބައެއް ބޮޑެތި ގައުތަކުގައި ވަކިވަކި ފަރުދުން ހަށިރައްކަލެއްގެ ގޮތުގައި ވެސް މީގެ ސްޕްރޭ ފުޅި ހިފައިގެން އުޅުމަކީ ހުއްދަ ކަމެކެވެ. ލޮލަށް ޕެޕަރ ސްޕްރޭ އެޅޭ ވަގުތު ވަރަށް ބޮޑަށް ލޯރަތްވެ، ލޮލުގައި ރިހޭގޮތްވެ، ލޯކަރައި، ފެންއައިސް އަދި ލޯމެރޭ ގޮތްވެދާ ނެއެވެ. މީގެ އިތުރުން ލޮލުގެ ކައިރީ ހަންގަޑު ދުޅަވުމާއި ހުދުކަޅި ކޮންމެވެސް ވަރަކަށް ދުޅަވުމަކީ ވެދާނެކަމެކެވެ. ބައެއްމީހުންނަށް އެވަގުތު ވަރަށް ބޮޑަށް ލޯފުސްވެ ތަންތަން ސާފުކޮށް ނުފެނި ހިނގައިދާނެ އެވެ.

ޕެޕަރ ސްޕްރޭ އިން ލިބިދާނެ ގެއްލުންތައް ބެލުމަށް އެންމެ ފާހަގަ ކޮށްލެވޭ ދިރާސާއެއް ކުރައްވާ ފައިވަނީ ފިންލެންޑުގެ ހެލްސިންކީ ޔުނިވަރސިޓީ ގައެވެ. މިދިރާސާގައި 10 ފުލުހުންގެ އޮފިސަރުން ބައިވެރި ކުރެވުނެވެ. މިމީހުންގެ ގެލޮލަށް ދެމީޓަރު ދުރުން ސިކުންތެއްހާ އިރަށް ސްޕްރޭ ފޮނުވާ ލެވި އަދި އޭގެފަހުން ލޮލުގެ މުހިންމު ބައިތަކަށް އައި ބަދަލުތަކަކީ ކޮބައިތޯ ބެލުމަށް އެކި ދިރާސާތައް ކުރެވުނެވެ. މީގެ ތެރޭގައި ބެލުނު މައިގަނޑު ކަންތައް ތަކަކީ އެމީހާ އަށް ލިބުނު އުނދަގޫ ވަޒަން ކުރުން، ކަޅުކަޅީގެ ހިއްސަށް ބަދަލު އައިވަރު ބެލުން، ކަރުނައަށް އެއްވެސް ބަދަލެއް އައިތޯބެލުން، އަދި ކަޅުކަޅީގެ އެކި އެކި ދިމަދިމާލަށް ބަދަލު އައިވަރު ބެލުމެވެ. މިދިރާސާ ގެ ނަތީޖާ ކުރުގޮތަކަށް ދަންނަވާލާނަމެވެ. މިކަމުގައި ބައިވެރިވި ހުރިހާ މީހުންގެ މޫނާއި ލޮލުން ފުދޭވަރަކަށް ދިލަނެގިކަމަށް ވެއެވެ. ބައެއްމީހުންގެ ގެލޮލުގައި 50 ހަކަށް މިނެޓް ވާންދެން ދިލައިގެ އަސަރު ހުރިކަމަށް ވެއެވެ. އަދި މީގެތެރެއިން ބައެއްމީހުންގެ ނޭފަތުން ފެންއައިސް ނޭފަތް ބެދޭ ގޮތްވެ ހުރިހާ އެންމެންގެހެން ހުދުކަޅިއަށް ތަދުވެ ގާތްގަނޑަކަށް 10 ގަޑިއިރު ވާންދެން ރަތްވެފައި ހުރިކަން ފާހަގަ ކުރެވުނެވެ. މީގެ އިތުރުން ބައެއްމީހުންގެ ހުދުކަޅި ދުޅަވެ އަދި ކަޅުކަޅީގެ ފުރަތަމަ ފަށަލައިގައިވާ ކުދިކުދި "ސެލް" ތައް މަށައިގެން ދިޔަ އެވެ. ނަމަވެސް އަނެއްދުވަހު މިތަންތަން ހުރީ ރަނގަޅު ވެފައެވެ. ސްޕްރޭ ޖެހުނު އެއްޕޮލިސް އޮފިސަރުގެ ފެނުން ކުޑަކޮށް ދަށްވެ ހަފްތާއެއްވީ އިރުވެސް "ވިޝަން ޗާޓު" ގެ އެއް ރޮނގު ނުސާފުކޮށް ފެނުނުކަންފާހަގަ ކުރެވުނެވެ. ކަޅުކަޅީގެ ހިއްސަށް އައި ބަދަލުތައް ވެސް މިކަމަށް ޚާއްސަ ކުރެވިފައިވާ ސާމާނު ބޭނުންކޮށްގެން ބެލުނެވެ. މިބެލިބެލުމުގައި ފެނުނީ ބައެއްމީހުންގެ ކަޅުކަޅީގެ ހިއްސު ވަރަށް ބޮޑަށްދަށް ވެފައިވާކަމެވެ. އަދި މީގެތެރެއިން ގިނަމީހުންގެ ހިއްސު 24 ގަޑި އިރުގެ ތެރޭގައި އަނބުރައި އައިކަމުގައި ވީނަމަވެސް ބައެއްމީހުންގެ ކަޅުކަޅީގެ ހިއްސު ކުރީގައި ހުރިވަރަށް އިއާދަވުމަށް މަހެއްހާ ދުވަހު ގެ ވަގުތެއް ނެގިކަމަށް ވެއެވެ. މިދިރާސާގައި ކަޅުކަޅީގެ އެތެރޭގައިވާ ނާރުތަކަށް ގެއްލުމެއް ލިބިފައި ވޭތޯވެސް ބެލުނެވެ. އަދި ސްޕްރޭ އެއްފަހަރު ޖެހުމުން މާބޮޑު ގެއްލުމެއް ނުލިބޭ ކަން ވެސް ފާހަގަ ކުރެވުނެވެ. ހާއްސަކޮށް ކަޅުކަޅީގެ އެތެރޭގެ ފަށަލަތަކުގައިވާ ނާރުތަކަށް ބަދަލެއް ނާންނަކަން ފާހަގަ ކުރެވުނެވެ. އަދި މީގެސަބަބުން ކަރުނަ އުފެދޭވަރަށް އެއްވެސް ބަދަލެއް ފަހުން ނާންނަ ކަން ވެސް ދެނެގަނެވުނެވެ.

މިކަމުގެ ދިރާސާތައް ކުރައްވާ ސައިންސުވެރިންނަށް ފެނިވަޑައިގަންނަވާ ގޮތުގައި ގިނަފަހަރު ނުވަތަ އެކިފަހަރު މަތީން މީގެ އަސަރު ލޮލަށް ކުރުމުން ދާއިމީ ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. މީގެތެރޭގައި ދާއިމީ ގޮތެއްގައި ކަޅުކަޅީގެ ހިއްސު ކުޑަވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިހެންވުމުން މިގެންގުޅުއްވާ ފަރާތްތަކުންވެސް މިކަމަށް ސަމާލުވުން މުހިން ކަމަށް ފެނެއެވެ. މީގެ އިތުރުން ކުޑަކުދީންގެ ލޮލަށް މިކަމުން ކޮށްފާނެ ނުރަނގަޅު ބަދަލު ތަކެއްގެ ސަބަބުން މިސްޕްރޭ ބޭނުން ކޮށްފާނޭ ފަދަހަލަބޮލިކަމެއް އައިސްގެން އުޅޭ އެއްވެސް ތަނަކަށް ކުދީން ނުގެންދެވުމަކީ ބުއްދިވެރިކަމެކެވެ. އަދި ސްޕްރޭ ބޭނުން ކުރާ ސަރަހައްދުގެ ގެތަކުގެ ދޮރުތައް އެވަގުތު ބަންދުކުރެއްވުމަކީ ވެސް ރަނގަޅު ކަމެކެވެ.

އެމެރިކާގެ ލޮސް އެންޖެލިސް ސިޓީ އިން ނެރޭ ދުވަހުނޫހެއް ކަމަށްވާ ލޮސް އެންޖެލިސް ޓައިމްސްގެ ރިޕޯޓެއް ބުނާ ގޮތުގައި 1990 ވަނަ އަހަރުގެ ފަހުން ޕެޕަރ ސްޕްރޭ ޖެހިގެން އެމެރިކާގައި 61 މީހުން މަރުވެފައިވެ އެވެ. މީގެ ތެރޭގައި ނޭވާ ހިއްލާ މީހުންނާއި އެހެނިހެން ބޭސްތައް ބޭނުންކުރާމީހުން ހިމެނެއެވެ. މިހެން ވުމުން މިމީހުން މަރުވެފައިވަނީ ހަމައެކަނި ޕެޕަރ ސްޕްރޭގެ ސަބަބުން ކަމުގައި ދެންނެވުމަކީ ދަތިކަމެކެވެ. ނަމަވެސް އެހެން ބައެއް ނޭވާލުމުގެ ނިޒާމުގެ ބަލިތައް ޖެހިފައިވާ މީހުންނަށް މީގެ ނުރައްކާ ބޮޑުކަން ފާހަގަ ކުރެވެއެވެ. ދުނިޔޭގެ ގިނަ ގައުމު ތަކުގައި އަމަން ބަލަހައްޓާ ފުލުހުން ނުވަތަ ސިފައިންނަށް ވަކި ހާލަތު ތަކެއްގައި ޕެޕަރ ސްޕްރޭ ބޭނުން ކުރުމަކީ ހުއްދަކަމެކެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ވަކިހާލަތު ތަކެއް މެދުވެރިވެއްޖެ ހިނދެއްގައި ފުލުހުންނަށް ޕެޕަރ ސްޕްރޭ ބޭނުން ކުރައްވަން ޖެހުމަކީ ނުވެ ނުދާނެ ކަމެކެވެ. މިކަހަލަ ގޮތެއްވެ ލޮލަށް ސްޕްރޭ އެޅިއްޖެ ހިނދެއްގައި އަވަސް އަވަހަށް އެސްފިޔަ ޖައްސަވާ ލައްވާށެވެ. ބޭނުމަކީ ލޮލުން ގިނައިން ކަރުނަބޭރުކޮށް މީގެ އެހީގައި ލޯސާފުކުރުމެވެ. ނަމަވެސް ލޯ އެއްގޮތަކަށް ވެސް އުނގުޅައި ނުހައްދަވާށެވެ. އަދި ހުސްފެން ފޮދަކުން ދޮވެލުމަކުން އެކަށީގެންވާ އަވަސް ފަރުވާއެއް ނުލިބޭނެ އެވެ. ސަބަބަކީ މި ކެމިކަލް އަކީ ފެނަށް ގިރިގެންދާ އެއްޗަކަށް ނުވާތީ އެވެ. ބައެއް ގައުމުތަކުގައި ލޯކައިރީ ކުޑަ ބޭބީ ޝޭމްޕޫ ކޮޅަކުން ސާފުކޮށްލުމަކީ ވެސް ކުރެވޭ ކަމެކެވެ. މިހެން ހެދުމުން ދިލަނެގުން ކުޑަ ކޮށްލެވޭނެއެވެ. ޕެޕަރ ސްޕްރޭ ޖެހި ނޭވާލާން އުނދަގޫ ވެއްޖެނަމަ އަވަހަށް ހޮސްޕިޓަލަށް ވަޑައިގެން ކުއްލި ފަރުވާ ހޯއްދަވާ ށެވެ. އެއީ ނޭވާލާން ދަތިވުމުން ފަހަރުގައި ފުރާނަ އަށް ގެއްލުމެއް ލިބިދާނެތީ އެވެ. ޕެޕަރ ސްޕްރޭގެ އަސަރުކޮށް އާދަޔާ ޚިލާފަށް ލޮލަށް އުނދަގޫ ވެއްޖެ ހާލަތެއްގައި ލަސް ނުކުރައްވައި ލޮލުގެ ޑޮކްޓަރަކަށް ދެއްކެވުމަކީ ވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ.