ރަށްގިރުމުގެ މައްސަލައަށް ހައްލެއް ގެނެސްދީ ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ސަރުކާރުން ދަނީ ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެގޮތުން ގޮނޑުދޮށް ހިމާޔަތް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓަތަކުގެ ތެރެއިން މިހާތަނަށް ޖުމްލަ 15 ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ.

ތ. ކަނޑޫދޫގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި މިހާރު 10،000 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ޖުމްލަ 300 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށެވެ.

ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަކީ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކެއްކަން މިނިސްޓަރު ތޯރިގް ވަނީ ފާހަގަކުރައްވާފަ އެވެ.

ތ. ކަނޑޫދޫގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ -- އެންވަޔަރަމެންޓް މިނިސްޓަރީ

"ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަކީ ރައީސް އަބްދުﷲ ޔާމިީންގެ އިސް ނެންގެވުމުގެ ދަށުން ކުރެވިގެންދާ ކަމެއް. އެއީ އެމަނިކުފާނުގެ ވަރަށް ގާތް ބެއްލެވުމުގެ ދަށުން ކުރެވެމުންދާ ކަމެއް." މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

މިދިއަ ބުރާސްފަތި ދުވަހު ތ. ކަނޑޫދޫގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެއީ 11 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ. ކަނޑޫދޫގައި ހިމާޔަތް ކުރުމަށް ހަމަ ޖެހިފައި ވަނީ ގޮނޑުދޮށުން 700 މީޓަރެވެ. އަދި އެއީ ރާއްޖޭގެ ނިސްބަތުން ބަލާއިރު ބޮޑު ސަރަހައްދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާތަނަށް 15 ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މިހާރު މަސައްކަތް ފަށައިގެން ކުރިއަށް އެދަނީ ތޯރިގް ފާހަގަކުރެއްވި ގޮތުން އެކަމަށް އެންމެ ބޮޑަށް ބޭނުންވާ ރަށްރަށުގަ އެވެ. ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ވެސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތ. ކަނޑޫދޫގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ -- އެންވަޔަރަމެންޓް މިނިސްޓަރީ

ތ. ކަނޑޫދޫގެ އިތުރުން އެއަތޮޅު ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް މިދިއަ މާޗު މަހު ސާސީ ސެނޯކް ޖޭވީ ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފަ އެވެ. އެއީ 16.8 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އޭގެ އިތުން ރ. މަޑުއްވަރި، ނ. ހޮޅުދޫ، ހދ. ކުޅުދުއްފުށި، ށ. ބިލެއްފަހި، ބ. ތުޅާދޫ، މ. ނާލާފުށީގެ އިތުރުން ގދ. ފަރެސްމާތޮޑާގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ވަނީ މިއަހަރުތެރޭގައި ފަށާފަ އެވެ.

ކަނޑޫދޫގައި ބޭއްވި ރައްސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ރަށްރަށުގައި ކުރެވޭ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް ރަށުގެ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކަހަލަ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށްދާއިރު ސަރުކާރަށް އެބަ ބޭނުންވޭ ރައްޔިތުންގެ އެއްބާރުލުން. ތިބޭފުޅުން އެއްބާރުލުން ދެއްވައިފިކަމަށް ވަންޏާ އެއީ ރަށަށްވެސް ފަސޭހަވެގެންދާނެ ކަމެއް." ތޯރިގް ވިދާޅުވި އެވެ.

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީން ދަނީ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. އެގޮތުން ރަށްރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތަކީ ވެސް ސަރުކާރުން ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކެކެވެ.

ތ. ދިޔަމިގިލީ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ. -- ސަން ފޮޓޯ: ނާހިދު

މިއަހަރުގެ މިހާތަނަށް އައި އިރު 10 ރަށެއްގައި ނަރުދަމާގެ ނިޒާމުގެ މަސައްކަތް އަދި 10 ރަށެއްގައި ފެނުގެ ނިޒާމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ. އެ މަސައްކަތަކީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން އިސްކަމެއްދީގެން ކުރިއަށްދާ ކަމެއް ކަމަށް ތ. ދިޔަމިގިލީ ނަރުދަމާގެ ނިޒާމު ފެށުމުގެ ގޮތުން ބޭއްވި ރައްސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

"މިސަރުކާރު ވުޖޫދަށް އައިއިރު ރާއްޖޭގައި އޮތީ މުޅިއެކު 30 ރަށުގެ ނަރުދަމާ އަދި ފަސް ރަށުގެ ފެނުގެ ނިޒާމު. އެހެންނަމަވެސް މިސަރުކާރުން އަސާސީ ހިދުމަތްތަކަށް ދޭންޖެހޭ މުހިންމު ކަން ބޮޑުކަމުން އަދި މިކަމަކީ ރައްޔިތުންނަށް ބޭނުންވާ ވަރަށް މުހިންމު ކަމަކަށް ވާތީވެ ރައީސް ޔާމީން މިކަމަށް ދެއްވާ އިސްކަމެއްގެ ސަބަބުން މިހާ ހަލުވި މިނެއްގައި މިކަން ކުރެވެމުން މިދަނީ." މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.