10 Oct 2015, 13:02
މަދުންނާއި މެދު މިންވަރަށް އާމުދަނީ ލިބޭ ސަރުކާރުތަކުން އާންމުންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް ހޭދަ ކުރާ މިންވަރު ކުޑަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެޓުރަޕާލު ސިންގު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ މުނާސަބަތުގައި ޑރ. ޕޫނަމް ދެއްވި މެސެެޖެއްގައި ވަނީ، އެފަދަ ގައުމުތަކުން ނަފުސާނީ ދުޅަހެޔޮ ކަމަށްކުރާ ހޭދައިގެ ގިނަ ބައެއް ހޭދަވަނީ ނަފުސާނީ ބަލިތައް ހުންނަ މީހުންނަށް ހާއްސަ ހޮސްޕިޓަލުތަކުގެ "އިން ޕޭޝަންޓު" ކެރިއާއަށް ކަމަށެވެ. ނަފުސާނީ ބަލިތައް ހުންނަ މީހުން ދިގު މުއްދަތަށް ބައިތިއްބާ ހޮސްޕިޓަލުތައް އިތުރު ކުރުމުގެ ބަދަލުގައި މުޖުތަމައުގެ ތެރޭގައި ފަރުވާ ދިނުމަށް ބާރު އެޅުމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސްޓްރެޓަޖީއެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށް ވެސް ޑރ. ޕޫނަމް ވިދާޅުވި އެވެ.
"މަދުންނާއި މެދުމިންވަރަށް އާމްދަނީ ލިބޭ ގައުމުތަކުގައި މެންޓަލު އަދި ނިއުޓްރޮލޮޖިކަލް ޑިސްއޯޑަރު ތަކަށް އެކަށީގެންވާ ފަރުވާ ނުލިބޭ މީހުންނާއި އެއްގޮަތަކަށް ވެސް ފަރުވާ ނުލިބޭ މީހުންގެ ނިސްބަތް އުޅެނީ 76 ޕަސެންޓާއި 85 ޕަސެންޓާ ދެމެދުގައެވެ. މަތިން އާމްދަނީ ލިބޭ ގައުމުތަކުގައި މިކަމުގެ ނިސްބަތަކީ 35 ޕަސެންޓާއި 50 ޕަސެންޓާ ދެމެދެވެ،" ޑރ. ޕޫނަމް ވިދާޅުވެފައިވެ އެވެ.
ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައެވެ. ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހަކީ ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ތައުލީމު އުނގަންނައިދީ ހޭލުންތެރިކަން އިތުރުކޮށް ނަފުސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ބާރުއެޅުމަށް ފާހަގަކުރާ ދުވަހެ ކެވެ.
މިއަހަރުގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރަކީ "ނަފުސާނީ ދުޅަހެޔޮކަމާއި ގަދަރު" ނުވަތަ "ޑިގްނިޓީ އިން މެންޓަލް ހެލްތު" އެވެ.
ޑރ. ޕޫނަމް ވިދާޅުވީ، އެ ޝިއާރު އަމާޒުކޮށްފައި ވަނީ ނަފުސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި ހައްލުކުރަން އެންމެ އުނދަގޫ އެއް މައްސަލައަށް ކަމަށެވެ. ނަފުސާނީ ބަލިތައް ތަހައްމަލު ކުރަމުން އަންނަ މީހުންނަށް ގަދަރުވެރިކަމާއެކު ދިރިއުޅުމުގެ މަގު ފަހިކޮށްދިނުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރު ކުރުމަށް ހިތްވަރާއި އަޒުމާއެކު ޑަބުލިއުއެޗުއޯ ކުރިއަށްދާނެ ކަމަށް ވެސް ޑރ. ޕޫނަމްގެ މެސެޖުގައިވެއެވެ.
އެކަމަނާގެ މެސެޖުގައި އިރުމަތީ އޭޝިއާ ސަރަހަދުގެ އަށް ގައުމެއްގައި ނަފުސާނީ ދުޅަހެޔޮކަމުގެ ހާއްސަ ސިޔާސަތުތަކާއި މަޝްރޫއުތައް ގާއިމުކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. ޑރ. ޕޫނަމް ވިދާޅުވީ، އެއީ ފާހަގަކޮށްލަންޖެހޭ ކާމިޔާބީއެއް ކަމަށެވެ. ނަމަވެސް ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޑަބުލިއުއެޗުއޯގެ އެހެން ސަރަހައްދުތަކާ އަޅައިބަލާއިރު ސިޔާސަތުތަކާއި މަޝްރުއޫތައް ޒަމާނާ އެކު ޑަބުލިއުއެޗުއޯގެ ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދުތައް ވަނީ ފަހަތަށްޖެހިފައި ކަމަށްވެސް އެ މެސެޖުގައި ޑރ. ޕޫނަމް ވިދާޅުވެފައިވެ އެވެ.