އެމްޓީސީސީ އާއި މޯލްޑިވްސް ބްލަޑް ޑޯނާސް ގުޅިގެން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް މިއަދު ހެނދުނު ފަށައިފި އެވެ.

އެ ޕްރޮގްރާމް ކުރިއަށްދަނީ ހުޅުމާލެ އަށް ފެރީ ދަތުރުކުރާ ޓާމިނަލްގަ އެވެ. ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން ފުރަތަމަ ލޭ ހަދިޔާކުރެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެވެ.

އެމްޓީސީސީގެ ސީއީއޯ ލޭ ހަދިޔާ ކުރައްވާ އިރު އަރިހުގައި ހެލްތު މިނިސްޓަރު އިރުތިޝާމް ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެމްޓީސީސީ އިން ބުނީ ދިވެހި ރައްޔިތުންގެ ތެރެއިން އެތައް ބަޔަކީ ދާއިމީކޮށް ލެއަށް ބޭނުންވާ ފަރާތްތަކެއް ކަމަށާއި އަދި ދާއިމީކޮށް ނޫނަސް ލެއަށް ބޭނުންވާ އެތައް ބަޔަކު އުޅޭ ކަމަށެވެ. އެހެންކަމުން އެ ޕްރޮގްރާމްގެ އެންމެ ބޮޑު މަގްސަދަކީ އެ ފަރާތްތަކަށް އެހީވުން ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ހަލީމް ވިދާޅުވީ އެ ޕްރޮގްރާމްގެ ސަބަބުން އެމްޓީސީސީ އަކީ ރާއްޖޭގައި ހަމައެކަނި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ ނަމުގައި އޮންނަ ކުންފުންޏެއްގެ ބަދަލުގައި އިޖްތިމާއީ ކަންކަމުގައި ބައިވެރިވާ ކުންފުންޏެއްކަން އެނގިގެންދާނެ ކަމަށެވެ.

ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް ފެށުމަށް މިއަދު ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ހެލްތު މިނިސްޓަރު އިރުތިޝާމް ވިދާޅުވީ އާންމުންނަށް ވެސް ހުޅުވާލައިގެން އެމްޓީސީސީ އިން މިއަދު ފެށީ ވަރަށް ފައިދާ ހުރި ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން ލެޔަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އެމްޓީސީސީ އިން އެފަދަ ޕްރޮގްރާމެއް ފެށިކަމަށް ޓަކައި އެމްޓީސީސީ އަށް މިނިސްޓަރު ޝުކުރުއަދާކުރެއްވި އެވެ.

އެމްޓީސީސީގެ މުވައްޒަފެއް ލޭ ހަދިޔާކުރައްވަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް ކުރިއަށްދަނީ ހުޅުމާލެ ފެރީ ޓާމިނަލްގެ ފެންނަގިމަތަ ސަރަހައްދުގަ އެވެ. އެގޮތުން ކޮންމެ ރައްޔިތަކަށް ވެސް އެތަނަށް ގޮސް ލޭ ހަދިޔާކުރުމުގެ ފުރުސަތު އެމްޓީސީސީ އިން ވަނީ ހުޅުވާލާފަ އެވެ.

ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް ކުރިއަށްދާނީ މިއަދު އިރުއޮއްސި 6:00 ގެ ނިޔަލަށެވެ.