10 Oct 2015, 10:40
އިންޑިއާގެ މަޝްހޫރު މިއުޒިކް ބޭންޑެއް ކަމަށްވާ ސަނަމް ބޭންޑުން ރޭ އައްޑޫގައި ފޯރިގަދަ ޝޯއެއް ދީފި އެވެ.
މީގެ ކުރިން މާލޭގައި ވެސް ޝޯ ދީފައިވާ ސަނަމް ބޭންޑުން ރޭ އައްޑޫގައި ޝޯ ދީފައި ވަނީ ފޭދޫގަ އެވެ. ގިނަ އަދަދެއްގެ ޒުވާނުން ޝޯ ބަލަންގޮސްފައިވާ އިރު އައްޑޫގައި ޝޯ ބަލަން ދިޔަ ގިނަ މީހުން ބުނާ ގޮތުން ސަނަމްގެ ޝޯ އަކީ "މިހާތަނަށް އަައްޑޫގައި ބޭއްވުނު އެންމެ ފޯރިގަދަ ޝޯ" އެވެ.

ރޭ އައްޑޫގައި ބޭއްވުނު ޝޯގެ ތެރެއިން -- ފޮޓޯ -- އައްޑޫ އޮންލައިން
"މޫޝާން އެންޑް ފްރެންޑްސް" އާއި "ހަބޭސް" ބޮޑުބެރު ގުރޫޕުގެ އިތުރުން ދިވެހި ބައެއް ލަވަކިޔުންތެރިންގެ ހުށަހެޅުންތައް ވެސް ރޭގެ ޝޯގައި ފެނިގެން ދިޔަ އެވެ. އޭގެ ތެރޭގައި މީގެ ކުރިން ވެސް ސަނަމްއާ އެކު ލަވަ މާލޭގައި ބޭއްވި ޝީގައި ލަވަ ހުށަހަޅައިދިން މަޝްހޫރު ލަވަކިޔުންތެރިޔާ ރޭވެސް ވަނީ ސަނަމްއާ އެއްކޮށް ލަވަ ކިޔާފަ އެވެ.

ރޭ އައްޑޫގައި ބޭއްވުނު ޝޯގެ ތެރެއިން -- ފޮޓޯ -- އައްޑޫ އޮންލައިން
މިނިވަން 50ގެ ހަރަކާތްތަކާ ގުޅުވައިގެން ސަރުކާރުން އިންތިޒާމުކޮށްގެން ރޭ އައްޑޫގައި ބޭއްވި ޝޯ ބައްލަވާ ލެއްވުމަށް ގިނަ އަދަދެއްގެ މަޖިލިސް މެންބަރުންގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަދި ސަރުކާރުގެ ގިނަ ކޯޑިނޭޓަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ރޭ އައްޑޫގައި ބޭއްވުނު ޝޯގެ ތެރެއިން -- ފޮޓޯ -- އައްޑޫ އޮންލައިން
ރޭގެ ޝޯ ފެށުމުގެ ކުރިން ވާހަކަފުޅުދައްކަވަމުން އަބްދުﷲ ޒިޔަތު ވިދާޅުވީ ސަނަމްއާ އެކު ރޭ އައްޑޫގައި ބޭއްވުނު ޝޯ އަކީ ސަރުކާރުން އައްޑުއަށް ދިން ވަރަށް ބޮޑު ހަދިޔާއެއް ކަމަށެވެ.

ރޭ އައްޑޫގައި ބޭއްވުނު ޝޯގެ ތެރެއިން -- ފޮޓޯ -- އައްޑޫ އޮންލައިން
ރޭގެޝޯ ނިންމާލާފައި ވަނީ ހަވާ އެރުވުމުގެ ހަރަކާތާ އެކު އެވެ.