ލަންޑަން : އިނގިރޭސި ސަރުކާރުން ގެންގުޅެން ފަށާފައިވާ ދައުލަތުގެ ޢާންމު ޚަރަދުތައް ކުޑަކުރުމުގެ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް އިނގިރޭސި ރައްޔިތުންގެ އެތަށް ލައްކަބަޔަކު ލަންޑަންގައި މުޒާހަރާކޮށް އިޙްތިޖާޖް ކޮށްފިއެވެ.

ލަންޑަންގެ ވިކްޓޯރިޔާ އިންޕާކްމެންޓުން އިއްޔެ ފެށި މިއިޙްތިޖާޖްތަކުގެ ބައިވެރިން ހައިޑްޕާކަށް ދިޔުމުން އެމީހުންނަށް ހިއްވަރު ދިނުމުގެ ގޮތުން ބައްދަލުކުރެއްވީ އިނގިރޭސި އިދިކޮޅު ލޭބަރޕާޓީގެ އިސްބޭފުޅުންނެވެ. މީގެތެރޭގައި ލޭބަރޕާޓީގެ ޒަޢީމް އެޑް މެލިބެންޑްވެސް ހިމެނިވަޑައިގަންނަވައެވެ.
އިނގިރޭސި ސަރުކާރުން އިޢްލާންކޮށްފައިވާ ޚަރަދު ކުޑަކުރުމުގެ ހަރުކަށި ސިޔާސަތު ތަންފީޒުކުރަންފެށުމުން ޢާންމު ރައްޔިތުންގެ އެތަށް ލައްކަބައެއްގެ ވަޒީފާގެއްލި ދައުލަތުން ކުރިން ލިބެމުންދިޔަ އެތަށް ޢިނާޔަތްތަކަކުން ރައްޔިތުންގެ ގިނަބަޔަކު މިހާރުވަނީ މަޙްރޫމްވެފައެވެ.

މިސިޔާސަތުތަކުގެ ސަބަބުން ގެއްލުންލިބެމުންދާ ފަރާތްތަކުގެ ތެރޭގައި މުސްކުޅިކުރައްވާފައިވާ ފަރާތްތަކާއި ސަރުކާރާއި ދައުލަތުގެ ވަޒީފާތައް އަދާކުރާ މީހުންނާއި ކިޔަވާކުދިންނާއި މަދަނީ މުޖްތަމަޢަށް ނިސްބަތްވާ ޖަމާޢަތްތައް ހިމެނެއެވެ.

މުޒާހަރާކުރި މީހުން ސަރުކާރަށް ގޮވާލީ ދައުލަތުގެ ޢާންމު ޚަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ދައުލަތުންކުރާ ހޭދަތައް އިތުރުކުރުމަށެވެ. އަދި ޓެކްސް ދެއްކުމުގެ ޒިންމާތަކުން ފިލައިގެން އުޅޭ ފަރާތްތަކުގެ އަތުން ޓެކްސް ނެގޭނެގޮތްތައް ހަދައިގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްވެސް މުޒާހަރާކުރި މީހުން ސަރުކާރަށް ގޮވާލިއެވެ.

ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ޓެކްސް ނުދެއްކުމަށް ހަދާ މަކަރުތަކުގެ ސަބަބުން އަހަރު 25 ބިލިޔަން ސްޓާލިންގ ޕައުންޑްގެ ގެއްލުމަކާ އިނގިރޭސި ދައުލަތް ކުރިމަތިލާންޖެހޭ ކަމަށް އިނގިރޭސި ސަރުކާރުން ބުނެއެވެ.

މުރާސިލުން ބުނިގޮތުގައި މިއީ 2003 ވަނަ އަހަރު ޢިރާޤާ ދެކޮޅަށް އެެމެރިކާފެށި ޣައިރު ޤާނޫނީ ހަނގުރާމައާ ދެކޮޅަށް ލަންޑަންގައި ކުރި ބޮޑު މުޒާހަރާއަށްފަހު މިހާތަނަށް ލަންޑަންގައި ބޭއްވި އެންމެ ބޮޑު މުޒާހަރާއެވެ. މިމުޒަހަރާގައި އިނގިރޭސި ރައްޔިތުންނާއި އިނގިރޭސި ސަލާމަތީ ބާރުތަކާދެމެދު ކުރިމަތިލުންތައްހިނގައި 100 އަށްވުރެ ގިނަމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ޚަބަރުތައް ބުނެއެވެ. ބީބީސީ