10 Oct 2015, 10:55
އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް، ޕޯޗުގަލް އަދި ނޮދަން އައިލޭންޑް ކޮލިފައިވެއްޖެ އެވެ.
ޑެންމާކް އަތުން 1-0 އިން މޮޅުވެ ޕޯޗުގަލް ކޮލިފައިވި އިރު ގްރީސް އަތުން 3-1 އިން މޮޅުވެ ނޮދަން އަޔަލެންޑް ވެސް އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ވަނީ ކޮލިފައިވެފަ އެވެ. އެ މޮޅާ އެކު ޕޯޗުގަލް އޮތީ، ގްރޫޕް އައިގެ އެއްވަނާގައި 18 ޕޮއިންޓާއެކީގަ އެވެ. ދެވަނާގައި 12 ޕޮއިންޓާ އެކު އޮތީ ޑެންމާކެވެ. ތިންވަނާގައި 11 ޕޮއިންޓާ އެކު އޮތީ އަލްބޭނިއާ އެވެ.
ޕޯޗުގަލްގެ ދަނޑުގައި ކުޅުނު، ޕޯޗުގަލް އަދި ޑެންމާކް މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ނަމަވެސް މެޗުގެ 66 ވަނަ މިނެޓްގައިި، ޕޯޗުގަލްގެ މިޑްފިލްޑަރު ޖައޯ މޫޓީނިއޯ ވަނީ ޕޯޗުގަލްއަށް ލީޑުނަގައިދީފަ އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނޮދަން އައިލޭންޑް ކޮލިފައިވީ، ގްރީސްގެ މައްޗަށް 1-3ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ޔޫރޯ ފްޓްބޯޅަ މުބާރާތަށް ނޮދަން އައިލޭންޑް ކޮލިފައި ވުމުން އެ ޓީމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ --- ފޮޓޯ: އޭޕީ
އެ މޮޅާ އެކު ނޮދަން އައިލޭންޑް ޔޫރޯއަށް ކޮލިފައިވެފައިވާ އިރު، އެޓީމު މިވަގުތު އޮތީ ގްރޫޕް އެފްގެ އެއްވަނާގައި 20 ޕޮއިންޓާއެކުގަ އެވެ. ދެވަނާގައި 17 ޕޮއިންޓާ އެކު ރޮމޭނިއާ އޮތް އިރު، ތިންވަނާގައި 16 ޕޮއިންޓާއެކު އޮތީ ހަންގޭރީ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ގްރޫޕް ޑީގައި ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ވަނީ އަޔަލެންޑް އަތުން 1-0 އިން ބަލިވެފަ އެވެ. އަމިއްލަ ދަނޑުގައި ޖަރުމަން އަތުން މޮޅުވި އިރު އަޔަލެންޑުގެ ހަމައެކަނި ލަނޑު ޖެހީ ޝޭން ލޯންގް އެވެ. ސްކޮޓްލެންޑާއި ޕޮލެންޑް ކުޅުނު މެޗުގައި ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ ތިން ވަނަ މިނެޓުގައި ލީޑު ނެގި އެވެ. ސްކޮޓްލެންޑުން ފަހަތުން އަރައި ދެ ލަނޑު ޖަހާފައިވަނިކޮށް އިތުރު ވަގުތުގެ ތެރޭ ޕޮލެންޑަށް އެއްވަރުކޮށްދިނީ ލެވަންޑޮސްކީ އެވެ.

ޔޫރޯ ކޮލިފިކޭޝަންގައި އަޔަލެންޑްގެ ޝޭން ލޯންގް ޖަރުމަން ކޮޅަށް ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓ:އޭޕީ
އަދި މި ގްރޫޕުގައި ޕޮލެންޑުން ވަނީ ސްކޮޓްލެންޑާ 2-2 އިން އެއްވަރުކޮށްފަ އެވެ. މި ނަތީޖާއާ ތަކާ އެކު 19 ޕޮއިންޓާ އެކު ޖަރުމަން އެއް ވަނައިގައި އޮތް އިރު ދެ ވަނައިގައި ޕޮލެންޑް އޮތީ 18 ޕޮއިންޓާ އެކު އެވެ. އަޔަލެންޑަށް ވެސް 18 ޕޮއިންޓް ލިބިފައިވީ ނަމަވެސް ލަނޑުގެ ތަފާތުން އޮތީ ތިން ވަނައިގަ އެވެ. ހަތަރު ވަނައިގައި 12 ޕޮއިންޓާ އެކު އޮތް ސްކޮޓްލެންޑަށް ކޮލިފައިވުމުގެ ފުރުސަތެއް ނެތެވެ. އެކަމަކު އަނެއް ތިން ޓީމަށް ވެސް އެ ފުރުސަތު އަދި އެބައޮތެވެ.