ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ، ސަން ލީޓް އިމާރާތުގައި ހިންގާ އުރީދޫ މައި އޮފީހުގައި ހުރި ތިޖޫީއެއް ފަޅާލައި ވައްކަންކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ ވިދާޅުވީ އެ އިމާރާތުގެ ހަތް ވަނަ ފަންގިފިލާގައި ހިންގާ އުރީދޫގެ ފައިނޭޝަލް ޑިޕާޓްމަންޓް ފަޅާލާފައިވާ ކަމަށް ރޭ ފަތިހު ރިޕޯޓްކޮށްފައިވާ ކަމަށާއި އެ އޮފީސް ފަޅާލައި، ތިޖޫރީއެއް ފަޅާލާފައިވާ ކަމަށެވެ. އަދި އެ އޮފީހަށް ވަގުން ވަދެފައި ވަނީ އެ އޮފީހުގެ ގާޑު ބަނުމަށް ފަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތަނުގެ ތިޖޫރީ ފަޅާލައިގެން ވަގަށް ގެންގޮސްފައި ވަނީ ކިހާ އަދަދެއްގެ ފައިސާކަން އަދި ނޭނގޭ ކަމަށެވެ. ނަމަވެސް އުރީދޫއާ ހަވާލާދީ ފުލުހުން ބުނީ އެ ތަނުގައި އެ ހާގިނަ އަދަދަކަށް ފައިސާ ހުރި ކަމަށް ނުވާ ކަމަށެވެ.

އުރީދޫގެ ސީނިއާ އެގްޒެކްޓިވް ޕަބްލިކްރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު މިއަދު ސަން އަށް ވިދާޅުވީ މިއަދު ހެނދުނު އެ އޮފީސް ފަޅާލާފައިވާ ކަަމަށާއި އެހެން ނަމަވެސް އެއްޗެއް ވަގަށްނަގާފައިވާ ކަމެއް އަދި ނޭނގޭ ކަަމަށެވެ.

"ފުލުހުން މިހާރު އެބަ ހަރަކާތްތެރިވޭ އެ މައްސަލަ ތަހުގީގުކުރުމަށް،" ނޫރާ ވިދާޅުވިއެވެ.