10 Oct 2015, 10:04
އެމެރިކާގެ ދެ ޔުނިވަސިޓީއެއްގައި ބަޑިން ހަމަލާދީ ދެ ދަރިވަރުން މަރާލައި ހަތަރު މީހުން ޒަޚަމްކޮށްލައިފި އެވެ.
ބީބީސީން ބުނީ ވަކި ވަކިން ދިން ބަޑީގެ ހަމަލާގައި މަރުވެފައި ވަނީ ނޯތް އެރިޒޯނާ ޔުނިވާސިޓީގެ ދަރިވަރެއް ކަމަށެވެ. އެ ހަމަލާދީފައި ވަނީ އިއްޔެ ހެނދުނު ވަގުތު އެވެ.
އިއްޔެ ހެނދުނު ވަނީ ޓެކްސަސް ސަދަން ޔުނިވާސިޓީ އަށް ވެސް ހަމަލާދީ އެކަކު މަރާލާ ތިން މީހުން ޒަޚަމްކޮށްލާފަ އެވެ.
އެރިޒޯނާ ޔުނިވާސިޓީ އަށް ބަޑިން ހަމަލާދިނީ ސްޓީވް ޖޯންސް ކިޔާ އުމުރުން 18 އަހަރުގެ އެ ޔުނިވަސިޓީގެ ދަރިވަރެކެވެ.

އެރިޒޯނާ ޔުނިވާސިޓީ އަށް ބަޑިން ހަމަލާދިން ސްޓީވް ޖޯންސް އުމުރުން 18 އަހަރުގެ ފޮޓޯ: ބީބީސީ
ފުލުހުންނަށް މައުލޫމާތުދެމުން ސްޓީވް ޖޯންސްބުނީ އޭނާ އާއި ގްރޫޕަކުން ދިމާކުުރުމުން އޭނާގެ ކާރުން ބަޑި އެއް ނަގާ ހަމަލާދިނީ ކަމަށެވެ. އެ ހަމަލާގައި އެކަކު ވަނީ ޒަޚަމްވެފަ އެވެ. ޒަޚަމްވި މީހަށް އަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ޓެކްސަސްގައި ޔުނިވާސިޓީގައި ބަޑިން ހަމަލާދިން ކަމަށް ޝައްކުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ހަމަލާދިނުމުގައި ބައިވެރިވި ކަމަށް ލަފާކުރެވޭ އެކަކު ފުލުހުން ދަނީ ހޯދަމުންނެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެމެރިކާގެ އޮރިގަންގެ ރޯޒްބާގް ނަމަކަށް ކިޔާ އަވަށުގައިވާ އުމްޕްކުއާ ކޮމިއުނިޓީ ކޮލެޖްގައި ހިނގި ބަޑިޖެހުމުގެ ހާދިސާގައި 10 މީހުން ވަނީ މަރާލާފަ އެވެ.
ކޮލެޖަށް ބަޑިން ހަމަލާދިން މީހާ ފަހުން ވަނީ އެމެރިކާ ފުލުހުންނާއި އެކު ބަދަލުކުރި ހަމަލާތަކެއްގައި މަރުވެފައިވާ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އެމެރިކާގައި ދެމުންގެންދާ ބަޑީގެ ހަމަލާތައް އިތުރުވަމުންދާތީ ބައެއް ފަރާތްތަކުން ދަނީ އެެމެރިކާގެ ރައީސް އަށް ފާޑުކިޔަމުންނެވެ.