ޣައްޒާ (އޮކްޓޯބަރ 10) : އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނުގެ އަށް މީހުން ޝަހީދުކޮށްލައި ސަތޭކަ ސާޅީހަށް ވުރެ ގިނަމީހުން ޒަޚަމްކޮށްލައިފި އެވެ.

މި ޖަރީމާތައް އިސްރާއީލުން ހިންގާފައި މިވަނީ އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ޣައްޒާގައާއި ހުޅަނގު އައްސޭރީގަ އެވެ. ޣައްޒާއިން ޝަހީދުކޮށްލާފައި ވަނީ ހަ މީހުންނެވެ. މި ހަ މީހުންގެ ގަޔަށް އިސްރާއީލު އުދުވާނީ ސިފައިން ބަޑިޖަހާފައި ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރާ ދެކޮޅަށް އަޑުއުފުލަމުން އިސްރާއީލާއި ޣައްޒާ ގުޅިފައިވާ ސަރަހައްދީ ރޮނގާ ކައިރި ހިސާބަކަށް ދިޔުމާއެކު ގައެވެ. ސަރަހައްދީ ރޮނގުގެ ކައިރިއަށް މުޒާހަރާ ކުރަމުންދިޔަ ފަލަސްތީނުގެ އެތައް ހާސް ބައެއްގެ ތެރެއަށް އިސްރާއީލުގެ އިސްތިޢްމާރީ ބާރުތަކުން ބަޑިޖަހާފައި ވަނީ ސީދާ އެމީހުންގެ މެޔަށާއި ބޮލަށްކަމަށް މެޑިކަލް ރިޕޯޓްތައް ބުނެ އެވެ.

އިސްރާއީލުގެ މިއުދުވާނާ ދެކޮޅަށް ހަމާސް ޖަމާއަތުންވަނީ އިސްރާއީލުގެ ސިފައިންގެ ބައިގަނޑެއްތިބި ތަނަކަށް ރޮކެޓް ހަމަލާއެއް ފޮނުވާލާފައެވެ. މިޙަމަލާގައި އިސްރާއީލު ސިފައިންގެ އެކަކު މަރުވެ އެތަށްބަޔަކު ޒަޚަމްވިކަމަށް އިސްރާއީލު ވަނީ އެއްބަސްވެފަ އެވެ.

ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފައި ވަނީ ފަލަސްތީނުގެ ދެމީހުންނެވެ. އެއީ ރާމަﷲގެ އުތުރުގައި އިސްރާއީލުގެ އިސްތިއްމާރާ ދެކޮޅަށް މުޒާހަރާ ކުރުމުގެ ސަބަބުންނެވެ. އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ހުޅަނގު އައްސޭރީގެ އެތައް ރަށެއްގައި އިއްޔެ ފަލަސްތީނުގެ އާންމުންގެ އެތައް ހާސްބަޔަކު ވަރަށް ވަރުގަދައަށް މުޒާހަރާ ކުރި އެވެ. މި މުޒާހަރާތައް ކުރިޔަށްގެން ދިޔަ ރަށްތަކުގެ ތެރޭގައި ރާމަﷲ ގެ އިތުރުން ބައިތުލަހްމާއި އިރުމަތީ ގުދްސާއި ޖެނީންއާއި ޚަލީލް ހިމެނެ އެވެ.

ފަލަސްތީނުގެ އާންމު ރައްޔިތުން އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ނުކުންނަން ފަށާފައިމިވަނީ އިސްރާއީލުން މަސްޖިދުލްއަގްސާގެ ހުރްމަތް ކަނޑާލުމަށްޓަކައި ޔަހޫދީ ހަރުކަށި ވަޒަންވެރިންނާއި މަސްޖިދުލްއަގްސާ ތަޅާލުމަށް ގޮވާލާ ހައްދުފަހަނަޅާފައިވާ ޔަހޫދީން އެމިސްކިތުގެ އެތެރެއަށް ވައްދަން ފެށުމާ ގުޅިގެންނެވެ. (އަލްޖަޒީރާ)