27 Mar 2011, 20:12
މިމަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި މާރާމާރީގައި މަރުވި އަހުސަން ބަޝީރުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ފިލުވުމަށް މަސައްކަތް ކުރި ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
މަޖީދީމަގާ އަލިކިލެގެފާނުމަގު ގުޅޭ ކަންމަތީގެ ޓްރެފިކް ލައިޓް ކައިރިން ބަޝީރު 21، އަށް ހަމަލާދިން މައްސަލައާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު މިއަދު ވިދާޅުވީ ބަޝީރުގެ މަރުގެ މައްސަލައާ ގުޅިގެން މ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކުރެލީގައި ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރީ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް 20، އާއި އަދި މއ. ވީނަސް ތަރި ހަސަން ޝިމާޒު މުހައްމަދު ސުވާދު 20، އާއި 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށެވެ.
"ފުލުހުން ފަޅުރަށަށް ގޮސް އެމީހުން ހައްޔަރު ކުރި އިރު ޝަހުމް ފެނުނީ ކުރެދިގަސްތަކެއް ތެރޭ ފިލާ އޮއްވައި. އަދި އޭނާ އަތުން ކަތިވަޅިއެއް ވަނީ ފެނިފައި. ގަބޫލު ކުރެވޭ ގޮތުގައި އޭނާ އަތުގައި ކަތިވަޅި އެއް ބާއްވައިގެން މިއުޅުނީ ފުލުހުންނަށް ހަމާލދިނުމުގެ މަގްސަދު ގައި ކަމަށް ބެލެވެނީ،" ނަވާޒު ވިދާޅުވި އެވެ.
އަދި އެމީހުން ފިލުވުމުގައި އެހީތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ލ. މާވަށް އެވަބްލޫ މުހައްމަދު ވިޝާމް 18، އަދި މއ. ސީނަރީވިއު އާތިފް ރަޝީދު 20، އެވެ.
ނަވާޒު ވިދާޅުވީ ބަޝީރަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް މިހާތަނަށް ތުހުމަތު ކުރެވޭ ދެ މީހުންނަކީ ޝަހުމާއި އަދި ހަސަން ޝިމާޒެވެ. އަދި އެމީހުން ކުރެލި ކިޔާ ފަޅުރަށަށް ގޮސްފައި ވަނީ ލޯންޗެއްގައި ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ. ނަވާޒު ވިދާޅުވީ އެމީހުން އެރަށަށް ދިޔަ ގޮތް އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
އަދި މާލޭގެ އެކި ސަރަހައްދު ތަކުން ސީސީޓީވީގެ ފޫޓޭޖް ވެސް ހޯދާ ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުރަމުން އަންނަ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.
ބަޝީރުގެ މަރާ ގުޅިގެން ފުލުހުން އެންމެ ބޮޑަށް ހޯދަމުން ގޮސް ހައްޔަރު ކުރި ޝަހުމަކީ މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލުމުގެ ތުހުމަތުގެ ދައުލަތުން ދައުވާ ކުރާ މީހެކެވެ. ނަމަވެސް ދާދިފަހުން ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ ހަ މަސްވީ އިރު ވެސް މެޑިކޯ ލީގަލް ރިޕޯޓް ނުލިބިގެން ހެލްތް މިނިސްޓަރު ޒިންމާދާރު ކުރުވަން ކަމަށް ބުނެ އެވެ.
ބަޝީރަށް ވަޅިން ހަމަލާދިނީ ކޯޓުން ޝަހުމް ދޫކޮށްލިތާ ތިން ހަފުތާއާ ހަދުވަހުގެ ތެރޭގަ އެވެ. ބަޝީރަށް ހަމަލާ ދިނުމުން ލިބުނު ޒަހަމްތަކަށް ފަރުވާދޭން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް އޭނާއަށް ހަވާލުވެ ތިބި ފުލުހުން ގާތުގައި އޭނާއަށް ވަޅިން ހަމަލާ ދިނީ ޝަހުމް ކަމަށް އަހުސަން ބަޝީރު ބުނެފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.