ހިޔާލުތަފާތުވެފައިވާ ދެކުނު ޗައިނާ ކަނޑުގައި، ޗައިނާ އިން ދެ ލައިޓް ހައުސް ގާއިމުކޮށް ނިންމައިފި އެވެ. އަދި އެ އާ އެކު ސަރަހައްދުގެ މަސްރަހު ވަނީ އިތުރަށް ހޫނުވެފަ އެވެ.

ޗައިނާގެ ޝިންހުއާ ނިއުސް އެޖެންސީއާ ހަވާލާދީ ރޮއިޓާސް އިން އިއްޔެ ބުނީ ލައިޓް ހައުސް މަޝްރޫއުގެ ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތު އޮތީ ކުއާޓަރޯން ރީފާއި ޖޯންސަން ސައުތު ރީފްގައި ކަމަށެވެ.

އެމެރިކާ އިން ބުނީ އެ މަޝްރޫއުއާ ފިލިޕީންސުން ދެކޮޅު ހަދާ ކަމަށެވެ.

އަހަރަކު ފަސް ޓްރިލިއަން ޑޮލަރުގެ ކާގޯ އުފުލާ އާގުބޯޓް ދުއްވާ ސަރަހައްދުގެ ބޮޑުބަޔަކީ ޗައިނާ ތަން ތަން ކަމަށް ޗައިނާ މީހުން ދައުވާ ކުރެ އެވެ. ނަމަވެސް ފިލިޕީންސް، ވިއެޓްނާމް، މެލޭޝިޔާ، ތައިވާން، އަދި ބުރޫނާއީ އިން ވެސް އެ ދައުވާ ކުރެ އެވެ.

މުސްތަގިއްލު ނަމުގައި ބޭރުގެ ފަރާތްތަކުން ޗައިނާގެ ސަރަހައްދުގައި ނެވިގޭޓް ކުރުމުގެ ފުރުސަތު ޗައިނާ އިން ނުދޭނެ ކަމަށް އެ ގައުމުން އިއްޔެ ބުންޏެވެ. ނަމަވެސް އެމެރިކާ އިން ބުނަނީ ދެކުނު ޗައިނާ ކަނޑުގެ ރަށްތަކުގެ 12 ނޯޓިކަލް މޭލު ސަރަހައްދުގައި އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ.

ވޮޝިންގްޓަނުން ދޭ ސިގުނަލަކީ ޗައިނާ އިން ހިއްކާ ހުރިހާ ރަށްތަކަކީ ޗައިނާގެ ސަރަހައްދު ނޫން ކަމުގެ ސިގްނަލެވެ. އަދި ބުނަނީ ބައިނަލްއަގުވާމީ ގާނޫނު ހުއްދަ ކުރާ ހުރިހާ ސަރަހައްދަކުން އެމެރިކާ ނޭވީގެ ބޯޓު ފަހަރު ދަތުރު ކުރާނެ ކަމަށެވެ.

އަދި އެ ރަށްތަކުގެ މައްސަލަ ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދު ދަމަހައްޓާ، ޗައިނާ އާއި އެމެރިކާއާ ދެމެދު ވަނީ ހޫނުވެފަ އެވެ.

ބެއިޖިން އިން ބުނަނީ އެ ސަރައްހަދު ހިއްކަނީ ސާޗު އެންޑް ރެސްކިއު އާއި ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.