10 Oct 2015, 13:00
ދިވެހީންގެ ގިނަ ބަޔަކު ބޭސްފަރުވާއާއި އަދި އެހެނިހެން ކަންކަމުގައި ގޮސް އުޅޭ، އިންޑިއާގެ ޓްރިވެންޑްރަމްގައި ދިވެހީންނަށް ހިނަވާ ގެއެއް އިމާރާތްކުރަން ނިންމައިފި އެވެ.
ޓުރިވެންޑްރަމްގެ ވައްލައްކަޑަ މުސްލިމް ޖާމާއަތުގެ މިސްކިތް ހުންނަ ބިމުގައި އިމާރާތްކުރާ އެ ހިނަވާގެ މަޝްރޫއު އިއުލާނުކޮށްދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު އެވެ. ވައްލައްކަޑަ މުސްލިމް ޖާމާއަތުގެ މިސްކިތުގައި މިދިޔަ ހަފްތާގެ ބުދަދުވަހު ބޭއްވި އެ ރަސްމިއްޔާތުގައި ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސަލް އަލީ އާދަމާއި ވައްލައްކަޑަ މުސްލިމް ޖާމާއަތުގެ އިސް ވެރީން ބައިވެރިވެވަޑައިގަތެވެ.
ކޮންސަލް އަލީ އާދަމް މިއަދު ސަންއަށް ވިދާޅުވީ، ޓްރިވެންޑްރަމްގައި ދިވެހީންނަށް ހިނަވާ ގެއެއް އިމާރާތްކުރުމުގެ ވިސްނުން އައީ، އެތަނުގައި މަރުވާ ދިވެހީންގެ ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދިއުމުގައި އުނދަގޫތަކެއް ހުރުމުން ކަމަށެވެ.
"މިތަނުގެ މިސްކިތްތަކުގައި ހިނަވާ އުޅެނީ ވަރަށް އާދައިގެ ގޮތަކަށް. ސާފުތާހިރުކަން ވަރަށް ދަށް. ދިވެހީން އެހާ ހިތްހަމައެއް ނުޖެހޭ އެގޮތަށް. އެހެންވެ ވައްލައްކަޑަވު މުސްލިމް ޖާމާއަތާ ކޮންސިއުލޭޓް ގުޅިގެން މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅީ،" އަލީ އާދަމް ވިދާޅުވި އެވެ.

ޓުރިވެންޑްރަމްގެ ވައްލައްކަޑަ މުސްލިމް ޖަމާއަތުގެ މިސްކިތުގެ ގަބުރުސްތާނުގައި ދިވެހި ސަރުކާރުން އިމާރާތްކުރާ ހިނަވާގެ މަޝްރޫއު އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ
އަލީ އާދަމް ވިދާޅުވީ، ވައްލައްކަޑަ މުސްލިމް ޖަމާއަތުން ބިޑްކޮށްގެން މިހާރު އެ މަސައްކަތްކުރާނޭ ކޮންޓްރެކްޓަރަކު ވެސް ހޯދާފައިވާ އިރު، އެ ހިނަވާގެ އެޅުމަށް ގާތްގަނޑަކަށް 300،000 ދިވެހި ރުފިޔާ ޚަރަދުވާނޭ ކަމަށެވެ. އަދި އެ ފައިސާ އިސްލާމިކް މިނިސްޓްރީން ވަރަށް އަވަހަށް ހަމަޖައްސައި ދޭނެ ކަމަށާއި، ފައިސާ ލިބުނުހާ އަވަހަކަށް އެތަނުގެ އަމަލީ މަސައްކަތް ފެށޭނޭ ކަމަށް ވިދާޅުވި އެވެ.
"މިތަން ބޭނުންކުރާނީ ހަމައެކަނި ދިވެހީންނެއް ނޫން. ކޮންސިއުލޭޓްގެ ބެލުމުގެ ދަށުން ވައްލައްކަޑަ މުސްލިމް ޖަމާއަތުން މިތަނުގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދާނީ،" އަލީ އާދަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވައްލައްކަޑަވު މުސްލިމް ޖާމާއަތަކީ، ޓްރިވެންޑްރަމްގައި ސުންނަތް ޖަމާއަތާ އެންމެ އެއްގޮތަށް ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދާ ޖަމާއަތްކަމަށް ވުމުން ޓްރިވެންޑްރަމްގައި ނިޔާވާ ގިނަ ދިވެހީން މިހާރުވެސް ވަޅުލަނީ ވައްލައްކަޑަ މުސްލިމް ޖާމާއަތުގެ މިސްކިތުގެ ގަބުރުސްތާނުގައި ކަމަށެވެ.

ޓުރިވެންޑްރަމްގެ ވައްލައްކަޑަ މުސްލިމް ޖަމާއަތުގެ މިސްކިތުގެ ގަބުރުސްތާނުގައި ދިވެހި ސަރުކާރުން އިމާރާތްކުރާ ހިނަވާގެ މަޝްރޫއު އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ
ވޭތުވެ ދިޔަ ތިން ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޓުރިވެންޑްރަމްގައި ނިޔާވި ދިވެހީންގެ އަދަދު 200 އާ ގާތްކުރާ އިރު، މިއަހަރުގެ މިހާތަނަށް ވެސް 61 ދިވެއްސަކު އެތަނުގައި ނިޔާވެފައިވެ އެވެ.
އަލީ އާދަމް ވިދާޅުވީ، ވައްލައްކަޑަ މިސްކިތުގެ ގޯތިތެރޭގައި އަލަށް ބިނާކުރާ 600 އަކަފޫޓުގެ ހިނަވާގެއަކީ، ފިރިހެނުންނާއި އަންހެނުން ހިނަވާން ތަފާތު ދެބައެއް ހިމެނޭ ގޮތަށް، އަދި އެތަނަށްދާ މައްޔިތާގެ އާއިލާގެ މީހުންނަށް ވެސް މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ހޯލަކާ އެކީ އިމާރާތްކުރާ ތަނެއް ކަމަށެވެ.
ޓުރިވެންޑްރަމްގައި ނިޔާވާ ދިވެހީންގެ ކަށުކަމާކެމީގެ ކަންތައްތަކަށް މިހާރު، ގާތްގަނޑަކަށް 12،000 ވަރަށް އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 2800 ދިވެހި ރުފިޔާ) ޚަރަދުވާއިރު، އަލަށް ހަދާ ހިނަވާގެ އެޅުމުން، އެ އަގު ވަރަށް ބޮޑުތަން ކުޑަވެގެން ދާނޭ ކަމަށް ލަފާކުރައްވާ ކަމަށްވެސް އަލީ އާދަމް ވިދާޅުވި އެވެ.