ފ. ބިލެތްދޫ ބަނދަރު ހެދުމުގެ މަސައްކަތާއި ހއ. ކެލާގެ ނެރު ފުން ކުރުމުގެ މަސައްކަތް 30.5 މިލިޔަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށް، ހައުސިން މިނިސްޓްރީއާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެ ދެ ރަށުގައި ހިންގާ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހަވީރު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ ސީއީއޯ ހުސައިން އަމްރު އެވެ. އަދި ހައުންސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓާ ޑރ. މުހައްމަދު ޝަރީފެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޝަރީފް މިއަދު ވިދާޅުވީ، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ބިލެތްދޫގައި 700 ފޫޓު 270 ފޫޓުގެ ބަނދަރެއް ހެދުމަށްކަމަށާއި އެގްރިމެންޓުގައިވާ ގޮތުން އެ މަސައްކަތް އެއް އަހަރުދުވަހުގެ ތެރޭ ނިންމަން ޖެހޭނެ ކަމަށެވެ. އެ މަސައްކަތަށް ޚަރަދުކުރަނީ 24.5 މިލިއަން ރުފިޔާ ކަމަށް ވެސް ޑރ. ޝަރީފް ވިދާޅުވި އެވެ.

އަދި ކެލާގެ ނެރު ފުންކުރުމަށް ހަވާލުކޮށްފައިވަނީ އަށް މަސްދުވަހުގެ ތެރޭ އެ މަސައްކަތް ނިންމާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ 600،000ރ. ގެ ޕްރޮޖެކްޓެކެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީން ބުނީ، އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭ ފަށާނެ ކަމަށެވެ.