09 Oct 2015, 21:05
ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރެއްވުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފި އެވެ.
ރާއްޖޭގެ ކުރީގެ ނައިބު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދާއި ސިޔާސީ ކުށްވެރިން މިނިވަން ކުރަން ޖެހޭނެ ކަމަށާއި ބައިނަލްއަގުވާމީ ފަރާތްތަކުން އަންގާގޮތަށް އަމަލު ކުރުމަކީ ކުރުން ލާޒިމު ކަމެއް ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓެރަރިޒަމްގެ ކުށުގައި ޖަލަށް ލާފައި ވަނީ ގާނޫނުތަކާ ހިލާފަށް ކަމަށާއި އެ މަނިކުފާނު ދޫކޮށްލަން އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން އަންގާފައިވާ އެންގުމާ އެއްގޮތަށް އަމަލު ނުކުރާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ޖަމީލު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖޭގައި ޑިމޮކްރަސީ ރަނގަޅަށް މަސައްކަތް ކުރަން ބޭނުންވާ ނަމަ ސިޔާސީ ފަރާތްތައް ހައްޔަރު ކުރުން ހުއްޓުވަން ޖެހޭނެ ކަމަށެވެ.
ޖަމީލު މިދިޔަ ޖޫން މަހު ރާއްޖެ ދޫކުރައްވައި ވަޑައިގަތުމަށް ފަހު، އަދި ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ. އެ މަނިކުފާނު އޭރު ފުރަތަމަ ސްރީލަންކާ އަށް ފުރާވަޑައިގަތީ، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ޕީޕީއެމް މަޖިލިސް މެމްބަރުން ފާޅުގައި ވަކާލާތުކުރައްވަަމުން ދަނިކޮށް، ބޭސްފަރުވާ އަކަށް ކަމަށް ވިދާޅުވެ އެވެ. ނަމަވެސް ބޭސްފަރުވާ އަށް ފަހު، ރާއްޖެ ވަޑައިނުގެން، އެ މަނިކުފާނު ވަޑައިގަތީ އިނގިރޭސި ވިލާތަށެވެ.
ޖަމީލް މަގާމުން ވަކިކުރީ، މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރައްވާ ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް އެ ތުހުމަތުތަކަށް ޖަމީލު އިންކާރު ކުރައްވަ އެވެ.