ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި ގޮވުމެއް ހިނގި ހިސާބުން ހަށިފާރަވެރިންނާ މެދު ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ހަށިފާރަވެރިންގެ އަމަލުތައް ބެހެއްޓިފައި ވަނީ ކުއްލިހާލަތުގައި އަމަލު ކުރަން ޖެހޭ ގޮތަށްތޯ ވަނީ ސުވާލު އުފެދިފަ އެވެ. ރިޔާސީ ލޯންޗުކޮޅު ބެލެހެއްޓިފައި ވަނީ އެންމެ ރަނގަޅަށްތޯ ވެސް މި ވަނީ ސުވާލު މާކެއްގެ ތެރޭގަ އެވެ.

ރިޔާސީ ލޯންޗްކޮޅުގެ އިންޖީނަށް ދޯބުރާލި ހަކުރު އެޅުމާއި އެ ލޯންޗްކޮޅުގައި ބާރުގަދަ އެއްޗެއް ގޮވުން މިއީ ގައުމީ ސަލާމަތުގެ ކަންކަން ބޮއްސުންލާފައިވާ ކަމުގެ ހެއްކެވެ. ރިޔާސީ ލޯންޗުކޮޅަކީ ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުޅަނދެކެވެ. ސިފައިންނަށް ސިއްރުން އެ ލޯންޗުކޮޅަށް ކަމެއް ކުރުމަކީ ނާދިރު ކަމެކެވެ. ސިފައިންގެ އިހުމާލެއް ނެތި އެފަދަ ކަމެއް ނުކުރެވޭނެ އެވެ.

ރިޔާސީ ލޯންޗުކޮޅު އޮންނާނީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ބެލުމުގެ ދަށުގަ އެވެ. އެ ލޯންޗު މަރާމާތެއް ކުރެވޭނީ ވެސް ސިފައިންގެ ބެލުމުގެ ދަށުންނެވެ. ރައީސް އަރައިވަޑައިގަތުމުގެ ކުރިން ފީނައިގެންނާއި އެެހެން ގޮތްގޮތުން ލޯންޗްކޮޅު ޗެކްކޮށް ބަލައި ހެދުމަކީ ޕްރޮފެޝަނަލް އުސޫލެވެ. ހަމައެހެންމެ އެއީ ކަންކުރަން އޮންނަ ގޮތެވެ. އެހާވަރަށް ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ ލޯންޗްކޮޅަކަށް ދެ ފަހަރެއްގެ މަތިން ކަންތައްތަކެއް ކުރެވުން މިއީ ސުވާލު އުފެދޭ ކަމެކެވެ.

ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާގައި ރައީސް ސަލާމަތް ކުރަން، މަސައްކަތް ކުރަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"ލޯންޗު ސާފު ކުރުމާއި މަރާމާތު ކުރާއިރު އެސްޕީޖީ ބޭފުޅަކު ހުންނަވާނެ. އޭނާ ބަލަން ހުއްޓައި އެ މަސައްކަތްތައް ކުރާނީ. އަދި މަރާމާތަށް ފަހު ބޭނުންކުރާއިރު ނުރައްކާ އެއްޗެއް ހަރުކޮށްފައި ހުރިތޯ ވެސް ސިފައިން ޗެކް ކުރަން ޖެހޭނެ. އެހެންވީމާ އެސްޕީޖީއަށް ނޭނގި ކަމެއް ކުރުމަކީ ވަރަށް ނާދިރު ކަމެއް،" ކުރިން ހަށިފާރަ ވެރިއެއްގެ ގޮތަށް މަސައްކަތް ކޮށްފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

ރިޔާސީ ލޯންޗުކޮޅަށް ދޯބުރާލި ހަކުރު މިދިޔަ އަހަރު ތެރޭ އަޅާފައިވާ ކަމަށް ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ އިރު އެއީ އިންތިހާއަށް ނުރައްކާ ކަމެކެވެ. އިންޖީނިއަރުން މައުލޫމާތުދޭ ގޮތުގައި އިންޖީނަރަކަށް ދޯބުރާލި ހަކުރު އަޅައިފައި ހުއްޓާ އެ އިންޖީނެއް ހިނގައިފި ނަމަ އިންޖީނު ހުއްޓޭނެ އެވެ. ހަކުރާއި ތެޔޮ އެއްވުމުން އެއިންޖީނަކަށް ބޮޑެތި ގެއްލުންތަކެއްވާނެ ކަމަށް އިންޖީނިއަރުން މައުލޫމާތުދެ އެވެ. އެހެންކަމުން އެއީ ރިޔާސީ ލޯންޗްކޮޅު ހުއްޓުވާލުމަށް ހިންގާފައިވާ އަމަލެއް ކަމަށް ބެލެވެ އެވެ. ސުވާލަކީ ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ ލޯންޗެއްގައި އެފަދަ ކަންކަން ތަކުރާރުކޮށް ކުރެވެންވީ ކީއްވެގެންތޯ އެވެ؟

މީގެ އަނެއް ހާދިސާއަކީ ވެސް ހަމަ އެ ލޯންޗުކޮޅުގައި ބާރު ގަދަ ގޮވުމެއް ގޮވި ހާދިސާ އެވެ. ހައްޖުގެ މަތިވެރި އަޅުކަން ނިންމާލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގެންނެވި ދަތުރުމަތިން ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ހިނގި ހާދިސާގައި އެކިވަރުގެ ގެއްލުންތަކެއް ލިބިފައިވާ އިރު މިއީ ރާއްޖޭގެ ރައީސް އަކަށް އަމާޒު ކުރެވުނު އެންމެ ނުރައްކާތެރި އެއް ހާދިސާ އެވެ. މިކަން ވެސް މި ހިނގީ ސިފައިންގެ ބެލުމުގެ ދަށުގައި އޮތް ލޯންޗުކޮޅުގަ އެވެ.

ރިޔާސީ ލޯންޗުކޮޅުގައި ހިނގި ގޮވުމަކީ ދުރާލައި ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް އެ ހާދިސާ ތަހްގީގު ކުރަން ރާއްޖެ އައި ސްރީ ލަންކާގެ ތަހްގީގު ޓީމުން ވަނީ އެ ގައުމުގެ ނޫހަކަށް މައުލޫމާތުދީފަ އެވެ. ލަންކާގެ ސީއައިޑީ ދެ އޮފިސަރުން ހިމެނޭ ގޮތަށް ޖުމްލަ ހަތަރު މީހުންގެ ތަހްގީގު ޓީމާ ހަވާލަދީ އެ ގައުމުގެ ޑެއިލީމިރާގައި ބުނެފައި ވަނީ، ރިޔާސީ ލޯންޗުކޮޅުގެ ގޮވުމަކީ، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިމާވި ހާދިސާއެއް ކަމަށް ކުރިން ބެލެވުނު ނަމަވެސް، އެއީ ދުރާލައި ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ. މައުލޫމާތު ދިން ފަރާތާ ހަވާލާދީ އެ ނޫހުން ބުނީ، ގޮވާ ޒާތުގެ އެއްޗެއް ހަރުކޮށްފައި ވަނީ ފިނިފެންމާ ލޯންޗުގެ ކެޕްޓަން އިންނަ ސީޓުގެ ދަށުން ވީއައިޕީ ކެބިން ތެރޭގައި ކަމަށެވެ.

ރައީސް ގެ ހަށިފާރަވެރިން ރައީސްގެ ކާރުކޮޅުކައިރި މަޑުކޮށްލައިގެން-- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ ހާދިސާއާ އެކު ދެން އެސްޕީޖީއަށް ފާޑުކިޔުން ރައްދުވި އަނެއް ކަމަކީ އެ ހާދިސާ ހިނގުމާ އެކު އެސްޕީޖީގެ އަމަލުތައް ހުރި ގޮތުންނެވެ. ހާދިސާއާ އެކު ހަށިފާރަވެރިން ތިބީ ހުއްޓުން އަރާފައިކަމަށް ދައްކާ ވާހަކަތަކާއި ކިޔާ ފާޑުކިޔުންތަކެވެ. ހަދާނެ ގޮތެއް ނޭނގިފައި ތިއްބައި ލޯންޗުކޮޅުގައި ދެވަނަ ގޮވުމެއް ގޮވި ނަމަ ދެން ކަންތައް ވާނެ ގޮތް ފާހަގަކޮށް އެސްޕީޖީއަށް ރައްދުވަމުން ދިޔަ ފާޑު ކިޔުންތަކެވެ.

"އެސްޕީޖީ އެ ގަޑީގައި ބަލަން ތިބެގެން ނުވާނެ. ވަގުތުން ރައީސް ނަގައިގެން ނައްޓާލަން ޖެހޭނެ. އެހެން ބަލަން ތިބެގެން ނުވާނެ. އެސްޕީޖީގެ އެންމެ ބޮޑު މަގުސަދަކަށް ވާންޖެހޭނީ ރައީސް ސަލާމަތް ކުރުން، ވަގުތުން ރައީސް ގޮވައިގެން ނައްޓާލަން ޖެހޭނެ. އެކަމަކު ފެނުނީ ދެން ހަދާނެ ގޮތް ނޭނގިގެން ތިބިކަހަލަ ގޮތަކަށް ތިބިތަން،" އެސްޕީޖީގައި ކުރިން މަސައްކަތް ކޮށްފައިވާ ފަރާތަކުން ބުންޏެވެ.

އެ ތިން ހާދިސާއިން ވެސް ހަށިފާރަވެރިންތިބީ އެންމެ ފުރިހަމައަށް ރައްކާތެރިވެގެން ނޫން ކަމަށާއި ހަށިފާރަވެރިންގެ ތެރޭގައި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވެ އެވެ. ވާހަކަ ދެއްކި ބައެއް ހަށިފާރަވެރިން ވެސް ވަނީ ސިފައިންގެ އެސްޕީޖީ ތެރޭގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ކޮށްފަ އެވެ.

ސިފައިން ކުރިއަށްގެންދިޔަ ބޮޑީގާޑް ޓުރެއިނިންއެއްގެ ތެރެއިން-- ސަން ފައިލް ފޮޓޯ

ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި އެސްޕީޖީ ތެރޭގައި ބައި ގިނަވުމުން ރަނގަޅަށް ހަށިފާރަވެރިން މޮނީޓާ ނުކުރެވޭކަން ފާހަގަކުރި އެވެ. ހަމަ އެހެންމެ ރަނގަޅު ޓުރެއިނިންނާއި ތަޖުރިބާ ހުރި ފަރާތްތައް މަދު ކަން ފާހަގަކުރި އެވެ. ހަމައެއާ އެކު ތަޖުރިބާ މަދު ހަށި ފާރަވެރިން އެންމެ އިސް ފަރާތަކުގެ ހަށި ފާރަވެރިންގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކަމުގެ ޝަކުވާ ބައެއް ހަށިފާރަވެރިން ދަނީ ކުރަމުންނެވެ.

"ކުރިން ވެސް ކަމެއް ވެދާނެ ކަމަށް ބުނަމުން ދިޔައިން އެކަމަކު އަޅައެއް ނުލާ. މިކަން މިހިނގީ އެހެން އޮށްވައި،" މިހާރު ވެސް ހަށިފާރަވެރިއަކަށް މަސައްކަތް ކުރާ ފަރާތަކުން ބުންޏެވެ.

އިސްވެ ފާހަގަ ކުރި ކަންތައްތަކަށް ބަލާއިރު ސިފައިންގެ ހަށިފާރަވެރިންގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް އުޅޭކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އިސްލާހު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން އެބަފާހަގަވެ އެވެ. ހަމަ އެހެންމެ ގިނަ އިހުމާލްތަކެއް އުޅޭކަން މިއީ ޔަގީން ކުރެވޭ ކަންކަމެވެ. އެހެން ނޫންނަމަ ރިޔާސީ ލޯންޗް ކޮޅަށް ދެ ފަހަރެއްގެ މަތިން އެވަރުގެ ހަމަލާތަކެއް ނުދެވުނީ އެވެ.

ނެޝަނަލް އިންކުއަރީ ކޮމިޝަނުން ހާމަކުރި ވީޑިއޯ ސްކްރީން ޝޮޓް

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން އެފަދަ ކަންކަމުން ސަލާމަތް ވުމަށް ފިޔަވަޅުތައް މިހާރު އެ ވަނީ އަޅަން ފަށާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ އެސްޕީޖީ އެއްފަރާތްކޮށް، އެމަނިކުފާނުގެ ސެކިއުރިޓީއަށް ސިފައިންގެ ތެރޭގައި ހާއްސަ ޑިވިޝަނެއް ވަނީ އުފައްދައިފަ އެވެ. ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޝަން (ޕީއެސްޑީ)ގެ އިސް ވެރިއަކަށް އައްޔަންކޮށްފައި ވަނީ ކާނަލް އިބްރާހިމް ރަޝީދެވެ. ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޝަން (ޕީއެސްޑީ)އަށް ހަށިފާރަވެރިން ނަގާފައި އެސްޕީޖީ ގްރޫޕުގެ ތެރެއިންނެވެ. ޕީއެސްޑީ އުފެއްދުމާ ގުޅިގެން އެސްޕީޖީން ދެން ސެކިރުރިޓީ ދޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި ކުރީގެ ރައީސުންނާއި ބައެއް ވަޒީރުންނަށެވެ.

އެސްޕީޖީގެ ވެރިޔަކަށް ހުންނެވި ހުންނެވި ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) މާލެ އޭރިއާގެ ކޮމާންޑަރަކަށް ބަދަލުކުރައްވައި، އެ މަގާމަށް އައްޔަންކޮށްފައި ވަނީ ކާނަލް އަބްދުއްރަހީމެވެ.

މީގެ ކުރިން ރިޔާސީ ލޯންޗްކޮޅުގައި ފަޅުވެރިންގެ ގޮތުގައި އާންމުން މަސައްކަތް ކުރަމުން އައި އައުމަށް ބަދަލުގެނެސް ސިފައިންގެ ބެލުމުގެ ދަށަށް މިހާރު އެވަނީ ރިޔާސީ ލޯންޗުބަދަލުކޮށްފަ އެވެ. މިއީ ރަނގަޅު ނިންމުމެއް ކަމަށް ބެލެވޭ އިރު ކުރިއަށް ވުރެ ބޮޑު ހަރަދެއްކޮށް ހަށިފާރަވެރިން ތަމްރީނު ކުރުމާއި ކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތް އެވަނީ ފަށައިފަ އެވެ.

މީގެ ކުރިން ހިނގާފައިވާ ހާދިސާތަކަށް ބަލާއިރު ހަށިފާރަވެރިންގެ ތެރޭގައި ހަރުދަނާ ނޫން ކަންތައްތަކެއް ހުރިކަން ފާހަގަވެ އެވެ. ހަށިފާރަވެރިންގެ ކަންކަން މިއަށްވުރެ ހަރުދަނާ ވާންޖެހެ އެވެ. ބޮއްސުންލާފައިވާ ކަންކަން ވީހާ އަވަހަށް ހަރުދަނާ ކުރެވެންޖެހެ އެވެ.