މޯލްޑިވްސް ކަސްޓަމް ސާވިސް އިން ހިފަހައްޓަފައިވާ ގިނަ އަދަދެއްގެ ބަނގުރަލާއި މިޔަރު އުރަހަ ނައްތާލައިފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ މިއަދު ތިލަފުށީގައި ނައްތާލާފައިވަނީ 1538 ފުޅި ބަނގުރަލާއި 523 ދަޅު ބިޔަރު ކަމަށެވެ. އެތަކެތި ނައްތާލާފައިވަނީ އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ފުޅިތަކާއި ދަޅުތައް ޗިސްކޮށްގެންނެވެ.

"މިތަކެތި ނައްތާލެވިފައިވަނީ ތިލަފުށި ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ކ. ތިލަފުށީ ކުނިކޮށި ސަރަހައްދުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާއި އެމްއެންޑީއެފްގެ ކަމާބެހޭ ބޭފުޅުން އަދި ކަސްޓަމްސް އޮފިސަރުންގެ ހާޒިރުގަ." ކަސްޓަމްސް އިން ބުންޏެވެ.

މަސްތުވާތަކެތީގެ އިތުރުން ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ 21.5 ކިލޯގެ މިޔަރު އުރަހަވެސް މިއަދު ނައްތާލާފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.