27 Mar 2011, 18:46
މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ އަހަރު ކްރިމިނަލް ކޯޓުން 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި މަޝްހޫރު ލަވަކިޔުންތެރިޔާ ހައިޝަމް މުހައްމަދު ރާޝިދުގެ ހުކުމުން އެއް އަހަރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުނިކޮށްދެއްވައި އޭނާ މުޖުތަމުއަށް ދޫކޮށްލައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސް ސެންޓަރު (ޑީޕީއާރުއެސް)ގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ ހައިޝަމްގެ ޖަލު ބަންދުން ދޫކޮށްލިތާ މިހާރު ދެ މަސް ވަރު ވެދާނެ ކަމަށެވެ.
ޑީޕީއާރުއެސް އިން ބުނީ ޖަލު ހުކުމުގައި ތިބޭ މީހުންގެ ތެރެއިން ރައީސް ހުކުމަށް ލުއިދެއްވާ މީހުން އެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއްކޮށްފި ނަމަ ހުކުމް ތަންފީޒު ކުރަމަށް އަނބުރާ ޖަލަށް ބަދަލު ކުރާނެ ކަމަށާއި އަދި އެކުރާ ކުށެއްގެ ކުޑަ ބޮނޮޑުމިނަށް ބަލާފައި އަދަބު އިތުރު އަދަބު ވެސް ލިބޭނެ ކަމަށެވެ.
ރެގޭ މިއުޒިކުގައި ފަހަކަށް އައިސް މަޝްހޫރު ކަމެއް ހޯދާފައިވާ ލަވަކިޔުންތެރިޔާ މ. ލޯހާ، ހައިޝަމްގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލުން ހުކުމެއް ކުރިއިރު ކޯޓުން ބުނީ މަސްތުވާތަކެތި ބޭނުންކުރުމާއި ބޭނުން ކުރުމަށް އަތުގައި ބެހެއްޓުމުގެ މައްސަލަ ބެލި އިރު ހައިޝަމް "ކެނެބިސް" އަށް ޕޮޒިޓިވްވެފައިވާކަން ސާބިތުވާތީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ބ)ގެ ދަށުން ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށެވެ. އަދި އަތުގައި މަސްތުވާތަކެތި ބެހެއްޓުމުގެ ކުށުގައި އިތުރު ފަސް އަހަރާ އެކު ޖުމްލަ 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ކަމަށެވެ.
ހުކުމުގައި ބުނަނީ އެ މައްސަލައިގައި ހެކިންގެ ބަހުންނާއި ހައިޝަމް ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ހުރި ދަބަހަކީ ހައިޝަމްގެ ދަބަހެއް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ.
ހައިޝަމަކީ މިއުޒިކާއި ރާގު އުފެއްދުމާއި ލަވަކިޔުމުގެ ދާއިރާގައި ކުޑައިރުން ފެށިގެން މަސައްކަތްކޮށް ފަހަކަށް އައިސް ވިދާލާފައިވާ ފަންނާނެކެވެ.