20 Apr 2010, 16:05
14:30
"ދައުލަތަށް ގިނަ ދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް" މާފަންނު ފެންފިޔާޒުގޭ މުޙަންމަދު ޒާހިރު ނަޞީރާއި، މާފަންނު މާނެލް، އަލްއުސްތާޛު ނ.ތ. ޙަސަންދީދީ އަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.
ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް ދެއްވައި، އެކަމުގެ ލިޔުން، އެބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދައުލަތަށް ގިނަ ދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް، އެބޭފުޅުންނަށް އެރުއްވީ، އެބޭފުޅުންނަކީ ދިވެހި ދައުލަތުގެ އިސްމަގާމުތަކެއްގައި ދިގު މުއްދަތަކަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުން ކަމަށް ވާތީ އާއި، ރާއްޖޭގެ އެންމެހާ ކަންކަމުގައި މިވޭތުވެދިޔަ ތާނގައި ބައިވެރިވެވަޑައިގެންފައިވާ މިންވަރުގެ މައްޗަށް ބައްލަވާފައި ކަމުގައި ވިދާޅުވި އެވެ.
މިދެބޭފުޅުންގެ ތެރެއިން މުޙަންމަދު ޒާހިރު ނަޞީރަކީ، 48 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފުރުއްވާފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި، ޚާރިޖީ ވަކީލުގެ ސެކްރެޓަރީ ކަމާއި، މިނިސްޓަރ އޮފް ހެލްތްގެ ޚާއްޞަ ވަކީލުކަމާއި، އެޑްވައިޒަރ އޮން ޔޫތު ވެލްފެއަރ އެންޑް ރިކްރިއޭޝަންކަމުގެ މަގާމު ހިމެނެ އެވެ. އެންމެ ފަހުން އޭނާ ފުރުއްވީ، ކޮންސަލްޓަންޓް އޮން ޔޫތު ވެލްފެއަރ އެންޑް ރިކްރިއޭޝަން ކަމުގެ މަގާމެވެ. އެމަގާމުން ވަކިކުރައްވާފައި ވަނީ، 22 ޖޫން 2006 ގަ އެވެ. މުޙަންމަދު ޒާހިރު ނަޞީރަކީ ރާއްޖޭގައި ކުޅިވަރު ތަރައްޤީ ކުރުމުގެ ރޮނގުން 1979 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި އެރޮނގުން 1991 ވަނަ އަހަރު ޝަރަފްވެރި ކަމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ކއަދި މިނިވަން 25 ގެ އިނާމުވެސް އޭނާއަށް ލިބިވަޑައިގެންފައިވެ އެވެ.
އަލްއުސްތާޛު ނ.ތ. ޙަސަންދީދީއަކީ 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ އަދި ސަރުކާރުގެ ތަފާތު މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ފުރުއްވާފައިވާ މުހިންމު ބައެއް މަގާމުތަކުގެ ތެރޭގައި، ވުޒާރަތުއް ތިޖާރާ ވައްތަމްވީނުގެ ވަކީލުކަމާއި، ވަޒީރުލްއަޢުޡަމްގެ އޮފީހުގެ ޚާއްޞަ ވަކީލު ކަމާއި، ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ސެކްރެޓަރީ ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ވަކީލުކަމާއި، ސީނިއަރ އަންޑަރ ސެކްރެޓަރީ ކަމާއި، ޑިރެކްޓަރ އޮފް އެކްސްޓެންޝަން ސަރވިސަސްކަން ހިމެނެ އެވެ. އަލްއުސްތާޛު ނ.ތ. ޙަސަންދީދީ އެންމެފަހުން ހުންނެވީ، އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރ ކަމުގެ މަގާމުގަ އެވެ. އޭނާ އެމަގާމުން ވަކިކުރެއްވީ 16 ނޮވެމްބަރ 1993 ގަ އެވެ. އަލްއުސްތާޛު ނ.ތ. ޙަސަންދީދީއަކީވެސް މިނިވަން 25 ގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމަށް ރައީސް އޮފީހުން ބުނެ އެވެ.