އިލެކްޝަންސް ކޮމިޝަނަކީ އެމްޑީޕީއަށް ވުރެ ހަގު މުވައްސަސާއެއް ކަމަށާއި އެކޮމިޝަން ސިޔާސީ ޕާޓީތަކުގެ ދައުރާ ޑިމޮކްރަސީގެ ހަމަތައް އެޕާޓީ ކައިރިން އުނގެނެން ޖެހޭ ކަމަށް އެމްޑީޕީއިން ބުނެފިއެވެ.

ސަރުކާރުގެ ވެރިންނަށް ދަތި ކުރުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ތާއީދުކޮށް ފާސްކުރި ގަރާރާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނަށް ރައްދު ދިނުމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕާޓީގެ ގުނަވަންތަކުން ނިންމާ ނިންމުންތައް އިލެކްޝަންސް އިން ކުށްވެރި ކުރުމަކީ ކޮށްގެން ނުވާނެ ކަމެއް ކަމަށާއި ޕާޓީގެ ހައްގުތަށް ދިފާއު ކުރުމަށް ޕާޓީން ކަންތައް ކުރާނެ ކަމަށެވެ.

އެ ޕާޓީގެ ހައްގުތައް ދިފާއު ކުރުމާއި ޕާޓީން ކަންކަމުގައި ދެކޭ ގޮތް ނިންމުމަކީ އެ ޕާޓީއަށް ލިބިގެންވާ ހައްގެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖެއާ މެދު އ.ދ އިން ނިންމާ ނިންމުންތަކަށް ސަރުކާރުން ބޯލެނބުމަށް ގޮވާލުމަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ވާޖިބެއް ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ގަރާރުގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓެރަރިޒަމްގެ ކުށުގައި ޖަލަށް ލާފައި ވަނީ ގާނޫނުތަކާ ހިލާފަށް ކަމަށާއި އެ މަނިކުފާނު ދޫކޮށްލަން އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން އަންގާފައިވާ އެންގުމާ އެއްގޮތަށް އަމަލު ނުކުރާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާތީ ސަރުކާރުގެ އިސް ބައެއް ވެރިންނަށް ފިޔަވަޅު އެޅުމަށެވެ. އިލެކްޝަންޝް ކޮމިޝަނުން ވަނީ އެ ގަރާގުގައިވާ ވާހަތައް ކުށްވެރި ކޮށްފައެވެ.

އިދިކޮޅު ސިޔާސީ ޕާޓީއެއްގެ އެންމެ އިސްދައުރަކީ ސަރުކާރުގެ އެންމެ އިސްފަރާތްތަކުން ފެށިގެން މުޅި ސަރުކާރު ޒިންމާދާރުކުރުވުމާއި ސަރުކާރުންކުރާ ނޭއްގާނީ ކަންކަން ހުއްޓުވުން ކަމުގައި އިލެކްޝަންސް ކޮމިޝަނަށް ހަނދާން ކޮށްދޭ ކަމަށެވެ.