ހިފާފައިވާ ގުދްސު (އޮކްޓޯބަރ 9) : އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ފަލަސްތީނުގެ އާންމު ރައްޔިތުން އޮއްގަލާއި ވަޅި ހިފައިގެން ނުކުމެ ހިއްވަރާ އެކު ޔަހޫދީ ސިފައިންނަށް ހަމަލާތައް ދެމުން ގެންދާތީ ގުދްސާއި ހުޅަނގު އައްސޭރީގެ ކަންކޮޅުތަކުގައި އިސްރާއީލު ސިފައިންގެ ގިނަބަޔަކު މިއަދު ހެނދުނު ރުކުރުވާލައިފި އެވެ.

ގުދްސުގައި ޔަހޫދީ ސިފައިން އެންމެ ބޮޑަށް ރުކުރުވާލާފައި ވަނީ މާތްވެގެންވާ މަސްޖިދުލްއަގްސާގެ ވަށައިގެންވާ ސަރަހައްދުތަކުގަ އެވެ. މިސަރަހައްދުގައި މިހާ ގިނަ އަދަދެއްގެ ޔަހޫދީ ސިފައިން ރުކުރުވާލާފައި މިވަނީ މިއަދު ހުކުރުނަމާދަށް ފަލަސްތީނުގެ އެތައް އެތައް ހާސްބަޔަކު މާތްވެގެންވާ މަސްޖިދުލްއަގްސާއަށާއި އެމިސްކިތުގެ ވަށައިގެންވާ ސަރަހައްދުތަކަށް ޖަމާވާނެ ކަމަށް ބަލައިގެންކަމަށް އިސްރާއީލުގެ މީޑިޔާ ބުނެ އެވެ. އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރާ ދެކޮޅަށް ފަލަސްތީނުގެ އާންމުންގެ ވަކިވަކި ފަރުދުން ޔަހޫދީ ސިފައިންނަށް ވަޅިން ހަމަލާދިނުން ގިނަވަމުންދާތީ ޔަހޫދީ ލަޝްކަރުގެ ތެރޭގައިވަނީ ބިރުވެރިކަން އުފެދިފަ އެވެ.
ފާއިތުވި ހަފްތާގައި ފަލަސްތީނުގެ ފަސް ޒުވާނަކުވަނީ ޔަހޫދީ އުދުވާނީ ސިފައިންނަށް ވަޅިން ހަމަލާތައް ދީފަ އެވެ. މިފަސް ޒުވާނުންގެ ތެރެއިން ހަތަރު ޒުވާނުން ވަނީ ޔަހޫދީ ސިފައިންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުކޮށްލާފަ އެވެ. އަދި އިސްރާއީލުން ވަނީ އެތައް ސަތޭކަ ފަލަސްތީނުގެ ރައްޔިތުން ކޯޓު އަމުރަކާނުލައި އަބިޓްރަރީ ގޮތެއްގައި ހައްޔަރުކޮށްފަ އެވެ. ފަލަސްތީނު ރައްޔިތުންގެ މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ހައްދު ފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ މަސްޖިދުލްއަގްސާ އަށް ވަނުން ފަދަ ފަލަސްތީނުގެ ރައްޔިތުން ރުޅި އަންނަ ފަދަ އަމަލުތައް ހިންގުން ވަގުތީ ގޮތުން ހުއްޓާލުމަށް އޭނާގެ ކެބިނެޓްގެ ވަޒީރުންނަށް އަމުރު ކުރައްވާފަ އެވެ.

ފަލަސްތީނުގެ އާންމު ރައްޔިތުން ޔަހޫދީ ސިފައިންނަށް ވަޅިން ހަމަލާދޭން ފަށާފައި ވަނީ އިސްރާއީލުން މަސްޖިދުލްއަގްސާގެ ހުރްމަތް ކަނޑާލުމަށްޓަކައި ޔަހޫދީ ހަރުކަށި ވަޒަންވެރިންނާއި މަސްޖިދުލްއަގްސާ ތަޅާލުމަށް ގޮވާލާ ހައްދުފަހަނަޅާފައިވާ ޔަހޫދީން އެމިސްކިތުގެ އެތެރެއަށް ވައްދަން ފެށުމާ ގުޅިގެންނެވެ. ފަލަސްތީނުމީހުން ވަޅި ހިފައިގެން ނުކުންނަން ފެށުމުން މިނުބައި ޖަރީމާ ހިންގުން އިސްރާއީލުން ވަނީ ހުއްޓާލާފަ އެވެ. އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން އޮއްގަލާއި ވަޅި ހިފައިގެން ތެދުވަމުންދާތީ ކަންބޮޑުވެ ވަޑައިގެން އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވެސްވަނީ ވާހަކަ ދައްކަވާފަ އެވެ.

ހިފާފައިވާ ގުދްސުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ނަތަނިޔާހޫ ވިދާޅުވީ ފަލަސްތީނުގެ އާންމުން އިސްރާއީލުގެ ސިފައިންނާ ދެކޮޅަށް އޮއްގަލާއި ވަޅިން ދޭ ހަމަލާތަކުގެ ފަހަތުގައިވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި ފަލަސްތީނުގެ ވެރިކަމުގެ އިދާރާއާއި އިސްރާއީލުގެ އެތެރޭގައި ހަރަކާތްތެރިވާ އިސްލާމީ ޖަމާއަތްތައް ކަމުގަ އެވެ. އިސްރާއީލުގެ ސިފައިން ބުރާސްފަތި ދުވަހުވެސް ވަނީ ގުދްސުގެ ދެކުނުގައިވާ ފަލަސްތީނުގެ ޝަޢްފާތު ރެފިއުޖީ އަވަށަށް ހަތިޔާރާ އެކު ވަދެގަނެ ފަލަސްތީނުގެ ކުޑަކުއްޖެއްކަމަށްވާ ވިސާމް ފަރަޖްގެ ބޮލަށް ބަޑިޖަހައި ޝަހީދުކޮށްލާފަ އެވެ. މިދިޔަ ހަފްތާތެރޭގައި އިސްރާއީލުންވަނީ ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލާފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނެވެ.

ފަލަސްތީނުގެ ޖަމާއަތްތަކުން ވަނީ އިސްރާއީލު އަތްގަދަކޮށްގެންއުޅޭ ފަލަސްތީނުގެ ބިންތަކުން ނުފައިބާނަމަ އެބިންތައް މިނިވަން ކުރުމަށްޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރުންމަތީ ދެމިތިބޭނެކަމުގެ އިންޒާރު ދީފައެވެ. އިސްރާއީލުން ގެންދަނީ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ގޮވާލާ އދ. ގެ ގަރާރުތަކަށް ގޮންޖަހައި ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ދެކޮޅު ހަދަމުންނެވެ. (ނޫސްއެޖެންސީތައް)