09 Oct 2015, 11:03
ދުނިޔޭގެ މެންޓަލް ހެލްތު ދުވަސް ރާއްޖޭގައި ފާހަގަ ކުރުމުގެ މުނާސަބަތުގައި ހިލޭ ކައުންސިލިންނާއި ކޮންސަލްޓޭޝަން ދިނުމަށް އިންސްޓިޓިއުޓް އޮފް ކައުންސިލިން އެންޑް ސައިކޯ ތެރަޕީ (އައިސީޕީ) އިން ބުނެފިއެވެ.
މާދަމާ އަކީ ބައިނަލްއަގުވާމީ މެންޓަލް ހެލްތު ދުވަސް ކަމުން އައިސީޕީ އިން ކައުންސިލިންނާ ގުޅޭ ގިނަ ހަރަކާތްތަކެއް އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ ކަމަށް އައިސީޕީ އިން ބުންޏެވެ.
އެ އިންސްޓިޓިއުޓްގައި އެ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު ކައުންސިލިންދޭނީ މާދަމާ ހެނދުނު 10 އަކުން ރޭގަނޑު 10 އަކަށެވެ.
އައިސީޕީ އިން ބުނީ މީޑިއާތަކާ ގުޅިގެން މާދަމާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގެ އިތުރުން އޯޓިޒަމް އެސޯސިއޭޝަން އާ ގުޅިގެން އައިސީޕީ ބިލްޑިން ތިރީގައި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ވެސް މާދަމާ އެއްކޮށް ކުރިއަށް ގެންދާނެ ކަމަށް އައިސިޕީން ބުންޏެވެ. އައިސީޕީ އިން ބުނެފައިވަނީ ސައިކޮލޮޖީއާ ފަދަ ކަންތައްތަކާ ގުޅޭގޮތުން ހިޔާލު ފާޅު ކުރުމުގެ ގޮތުން ހާއްސަ "ގަހެއް" ތައްޔާރު ކޮށްފައި ހުންނާނެ ކަމަށެވެ.
އައިސީޕީއަކީ މިއަހަރުގެ އޭޕްރިލް މަހުގެ 15 ގައި ރެޖިސްޓާ ކޮށްފައިވާ އިންސްޓިޓިއުޓެކެވެ. އެ އިންސްޓިޓިއުޓަކީ ނަފްސާނީ ހިދުމަތްތައް ފޯރުކޮށްދޭ އިންސްޓިޓުޓެކެވެ.