27 Mar 2011, 16:56
މިދިޔަ ބުދަ ދުވަހުގެ ރޭ މާލެ އަތޮޅު ބަރޮސް ރިސޯޓަށް ވަގަށް އެރި މީހުން ގޮވައިގެން އެ ރަށަށް ދިޔަ ލޯންޗު ފުލުހުން ހޯދައިފައިވާ ކަމަށާއި އެ ލޯންޗުތެރެއިން ދެ ކަނޑި އާއި ތީރު ޖަހަން ބޭނުން ކުރާ ދުނި ބަޑިއެއް ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ބަރޮސް ރިސޯޓަށް ވައްކަންކުރަން ބަޔަކު އެރިކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި އެމީހުންގެ ތެރޭގައި ހިމެނޭ ހއ. ތުރާކުނު، ނިޔަނދުރުމާގޭ އަލީ ޝާފިއު 20 މަރުވި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އިންސްޕެކްޓަރު އޮފް ޕޮލިސް އަބުދުﷲ ނަވާޒު މިއަދު ވިދާޅުވީ، ދެ ކަނޑި އާއި ދުނި ދަނޑި ފެނިފައި ވަނީ އެމީހުން ބަރޮހަށް އެރުމަށް ބޭނުންކުރި ލޯންޗުގެ ކުރީ ކޮޅުގައި ފޮރުވާފައި ހުއްޓައި ކަމަށެވެ. އަދި އެ ރިސޯޓަށް އެ ގަޑީގައި އެމީހުން އެރީ ބަރޮސް މޯލްޑިވްސްގެ ފައިނޭންސް ޑިޕާޓްމަންޓްގައި ހުރި 50000 ޑޮލަރު ތިޖޫރީއެއް ފަޅާލުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.
"މިމައްސަލައިގައި އެ ރަށަށް މިހާ ދަންވަރު ގަޑިއެއްގައި ބަޔަކު މީހުން އެރުމުން ތުހުމަތު ކުރެވޭ ކަންތައްތަކެއް އެބަހުރި، އޭގައި ތުހުމަތު ކުރެވޭ މޯޓިވެއް ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ ބަރޮސް މޯލްޑިވްސް ފައިނޭންސް ޑިޕާޓްމަންޓްގައި ހުރި ތިޖޫރީ ފަޅައިލައިގެން އޭގައި ހުރި 50 ހާސް ޑޮލަރު ވަގަށް ނެގުމުގެ ތުހުމަތުގައި ކަމަށް ބެލެވެނީ،" އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ނަވާޒު ވިދާޅުވި އެވެ.
ނަވާޒު ވިދާޅުވީ، އެ ރަށަށް އެރި މީހުންގެ ތެރެއިން އެކަކު ރިސޯޓުގެ ފައިނޭންސް ޑިޕާޓްމަންޓް ކުރިމަތީ ލަކުޑި ބުރިއެއް ހިފައިގެން އޮށޯވެ އޮއްވައި ފެނިފައިވާ ކަމަށް އެ ރަށުގެ ސެކިއުރިޓީ ގާޑަކު ބުނެފައިވާ ކަމަށެވެ. އަދި އެ ޑިޕާޓްމަންޓުގެ ބިއްލޫރިތަކާއި ދޮރުހަލާކުކޮށްލުމަށް ޓަކައި އެތަންތަނަށް ގެއްލުންދީފައިވާ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.
"އެތަނުގެ ބިއްލޫރިގަނޑަށް ލިބިފައި ހުރި ގެއްލުމާއި ދޮރުހަލާކުކޮށްލުމަށްޓަކައި މަސައްކަތްކޮށްފައި ހުރި ހުރުން މީގައި ވަރަށް ބޮޑަށް ބާރުއަޅާ ކަންތައްތަކަށްވާތީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބެލެވޭ މި ފައިސާ ވަގަށް ނެގުމަށްޓަކައި ކުރިއާލާ ރާވައިގެން ހިންގައިފައިވާ ކަމެއް ކަމަށް މިއީ،"
ސަން އަށް އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން އެ ރިސޯޓުގެ ކުރީގެ މުވައްޒަފެއް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ހއ. ތުރާކުނު ރޯޝަނީގޭ، އަލީ ޝިހާމް، 22، އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަ މީހުންގެ ތަފްސީލު ފުލުހުން މިއަދު އާއްމުކުރިއިރު އޭގެ ތެރޭގައި ޝިހާމް ހިމެނެ އެވެ. އެހެންނަމަވެސް އޭނާއަކީ އެ ރިސޯޓުގެ ކުރީގެ މުވައްޒަފެއްކަމެއް ފުލުހުން ކަށަވަރުކޮށެއް ނުދެއްވަ އެވެ.
ނަވާޒު ވިދާޅުވީ މައްސަލައިގެ ބާވަތުން އެ މައުލޫމާތު ހާމަ ކުރުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް ނަވާޒު ވިދާޅުވީ "އެކަމާ ގުޅިގެން މައުލޫމާތު ތަކެއް ލިބިފައިވާ" ކަމަށެވެ.
މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް ސިހުން ލިބިގެންދިޔަ އެ ހާދިސާއާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައިވާ އެންމެންވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބަރޮސް ރިސޯޓު ފަޅުތެރޭގައި އޮތް ދޯނީގެ އިންޖީނު ރޫމް ތެރޭ ފިލާ އޮއްވައި އަތުލައިގަތް ހއ. ތުރާކުނު ރޯޝަނީގޭ، އަލީ ޝިހާމް 22، އާއި މ. ރަތްކޮކާގޭ، އަހުމަދު ސޮދޫހު ހުސެއިން 23، އެވެ. އަދި ފިލަން ދުވަނިކޮށް ރިސޯޓުގެ މުވައްޒަފުން ހިފަހައްޓާފައިވާ މ. މިލިޔަން، އީމާން އަހުމަދު، 24، ވެސް ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ.
މީގެ އިތުރުން ލޯންޗުގައި ފިލި ތިން މީހުން ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ލ. ގަމު ނިޔަނދުރުމާގޭ، އަބުދުﷲ ސޮލާހު، 25، އާއި ތ. ތިމަރަފުށީ ސިލްވާ މުހައްމަދު ޝާހިދު 23، އަދި ރ. ރަސްގަތީމު ހުޅަނގުގޭ، މުހައްމަދު ނާޝިދު 28، އެވެ.
ނަވާޒު ވިދާޅުވީ އެމީހުން އެ ރިސޯޓަށް ދިޔަ ލޯންޗުގެ ކެޕްޓަނަކީ މުހަމަދު ނާޝިދު ކަމަށާއި އަދި ފެނުނު ތަކެއްޗާއި އަމަލު ހިންގި ގޮތަށް ބަލާއިރު އޭނާއާ ވަރަށް ބޮޑު ގުޅުމެއް ހުރި ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ނަވާޒު ވިދާޅުވީ އެހާދިސާގައި މަރުވެފައިވާ ހއ. ތުރާކުނު، ނިޔަނދުރުމާގޭ އަލީ ޝާފިއުގެ މަރާ ގުޅިގެން އޭނާ އަށް އަނިޔާތަކެއް ކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެކަން ވެސް އިތުރަށް ބަލަމުން އަންނަ ކަމަށެވެ. ނަވާޒު ވިދާޅުވީ ޝާފިއު ފަޅުތެރެއިން ނެގިއިރު އޮތީ ވަރަށް ބޮޑަށް ހަރުވެފައި ކަމަށާއި އަދި ޑޮކްޓަރުން ބެލިބެލުމުން އޭނާގެ ބޮލުގެ ތިން ތަނަކަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ބަރޮހަށް ވައްކަން ކުރަން އަރައިގެން އުޅެނިކޮށް މަރުވި ޝާފިއުގެ އާއިލާގެ ފަރާތުން ބުނެފައި ވަނީ އެމީހުން މާލެއިން ފުރީ މަސްބާނަން ކުރާ ދަތުރެއް ކަމަށް ބުނެފައި ކަމަށެވެ.
ދާދިފަހުން ރަނގަޅު ނަތީޖާއަކާ އެކު ސީއެޗްއެސްއީ ނިންމި ޝާފިއު ކަފުންކޮށް ވަޅުލައިފައިވީ ނަމަވެސް، އާއިލާ އާއި ރަހްމަތްތެރިން އޭނާ އަށް ވީގޮތް ބަލަން ބޭނުންވެ އެވެ.
ރިސޯޓްތަކުގެ ސަލާމަތީ ކަންކަން އޮތް ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގެންނަވާ ކަމަށާއި ރިސޯޓު ތަކުގެ ސެކިއުރިޓީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ކޮންފަރެންސެއް ވަރަށް އަވަހަށް ބާއްވަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެފަ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ވަނީ މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ބ. ކިހާދުއްފަރު ރިސޯޓަށް އަރައި އެ ރިސޯޓުގައި ތިބި މުވައްޒަފުންނަށް ބިރުދެއްކުމަށް ފަހު ތިޖޫރީއެއް ފެރިގަނެގެން ފިލާފައިވެ އެވެ.