09 Oct 2015, 04:11
މަޖީދީ މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ވެއްޓި އޭގައި ދުއްވަން އިން ޒުވާން އުމުރުގެ ފިރިހެނަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.
މަންޒަރު ދުށް މީހަކު ސަންއަށް ބުނީ، އެމީހާ ސައިކަލް ދުއްވާފައި އައީ، މަޖީދީ މަގުގެ ނަލަހިޔާއާ ވީ ކޮޅުން މާފަންނު ސަހަރާއާ ވީ ކޮޅަށް ކަމަށެވެ. އަދި ދުއްވާފައި އައިލެއް ބާރުކަމުން، މަގު މެދުގައި ބަހައްޓާފައި ހުރި ކޯންތަކެއްގައި އަޅައިގަނެ ކޮންޓްރޯލް ނުވެގެން ސައިކަލް ވެއްޓުނީ ކަމަށެވެ.
"ސައިކަލް ކަހާލައިގެން އައިސް މަޑުވީ ގާތްގަނޑަކަށް 50 ވަރަކަށް ފޫޓް ދުރަށް. އޭނާ އޮތީ ސައިކަލާ ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ދުރުގައި. ޖެހުނުގޮތަށް ހޭނެތިފައި، ހަރަކާތެއް ނުކުރޭ. ގައިގެ ތަންތަން މަށައިގެން ގޮސް ބިންމައްޗަށް ލޭ ފައިބާފައި ހުރީ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން،" އެ އެކްސިޑެންޓް ހިނގި ވަގުތު އެތާ ކައިރީ ހުރި މީހަކު ކިޔައިދިނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަންއަށް ވިދާޅުވީ، މިރޭ 2:30 ކަންހާއިރު މަޖީދީ މަގު ފަހަމާސް ފިހާރަ ކައިރިން މާފަންނާވީ ކޮޅަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ވެއްޓި އޭގައި ދުއްވަން އިން މީހާއަށް އަނިޔާ ވެފައިވާ ކަމަށެވެ.
"ސައިކަލް ދުއްވަން އިނީ ފިރިހެނެއް. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލް ބުނެދޭކަށް އަދިނޭނގެ. ފުލުހުން ވަނީ އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައި. މިހާރު ފަރުވާދެމުން ދަނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އައިޖީއެމްއެޗުން މައުލޫމާތު ލިބޭގޮތް ނުވުމުން އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހާއަށް ވެފައިވާ އަނިޔާގެ ތަފްސީލް ސާފުވާގޮތެއް ނުވި އެވެ.
އެކްސިޑެންޓުގައި ސައިކަލަށް ވެސް ވަނީ ގެއްލުންތަކެއް ވެފައެވެ. ޔަމަހާ ބްރޭންޑްގެ އާރްސީ- އެކްސައިޓަރ މޮޑެލްގެ ރަތްކުލައިގެ އެ ސައިކަލް ވެއްޓިފައި އޮތްއިރު އޭގެ އެއް ފަރާތު ޕެޑަލް ނައްޓައިގެން ގޮސް އޮތީ ސައިކަލާ ގާތްގަނޑަކަށް 20 ވަރަކަށް ފޫޓު ދުރުގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ އިތުރަށް ބަލަމުން ގެންދާ ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެއްވައެވެ.