ވޯލްޑްކަޕް ކޮލިފައިންގައި އޭޝިއާ ޒޯންގެ ގުރޫޕް 'ސީ' ގައި ބުރާސްފަތި ދުވަހުގެ ރޭ ޗައިނާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ކޮލިފައިންގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް ގަތަރުން ދަމަހައްޓައިފިއެވެ.

ގަތަރުގެ ވެރިރަށް ދޯހާގެ ޖާސިމް ބިން ހަމަދު ސްޓޭޑިއަމްގައި ކުޅުނު މެޗުން މޮޅުވެ ފަސް ޕޮއިންޓުގެ ފަރަގަކާއެކު ގުރޫޕްގެ އެއް ވަނައިގައި ހަމަޖެހިގެން އޮތުމުގެ ޔަގީންކަން ގަތަރަށް ހޯދައިދިނީ މެޗްގެ 22 ވަނަ މިނެޓްގައި ކަރީމް ބައުދިއާފް ބޮލުން ކާމިޔަބު ކުރި ލަނޑުންނެވެ.

ކޮލިފައިންގައި ކޮންމެ ޓީމަކަށްވެސް ބާކީ ހަތަރު މެޗް އޮއްވައި ގުރޫޕްގެ އެއް ވަނަ ލިބުމުން އެޓިމަށް ވަނީ ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ކޮލިފައިންގެ ތިން ވަނަ ބުރަށް ކޮލިފައިވުމުގެ ބޮޑު ޔަގީން ކަމެއް ލިބިފައެވެ.

ތިން ވަނަ ބުރުގައި ވާދަ ކުރާނީ 12 ޓީމެވެ. އެ 12 ޓީމުގެ މެދުގައި ކުޅެގެން ކޮލިފައިންގެ ޖާގަ ލިބޭނީ ހަތަރު ޓީމަށެވެ.

މިއަދުގެ މެޗުން ބަލިވުމުން ޗައިނާއަށް އުންމީދަކަށްވަނީ ގުރޫޕްގެ ރަނަރަފު ޓީމުގެ ގޮތުގައި އެންމެ ނަތީޖަ ރަނގަޅު ހަތަރު ރަނަރަފު ޓީމުގައި ހިމެނިގެން ވޯލްޑްކަޕަށް ކޮލިފައިވުމެވެ.

ކޮލިފައިންގައި ގަތަރު ކުޅޭ ފަސް ވަނަ މެޗްގައި އަންނަ އަންގާރަ ދުވަހު ބައްދަލު ކުރަނީ ރާއްޖެއާ ދެކޮޅަށެވެ. ރާއްޖެއާ ގަތަރު ކުޅުނު ފުރަތަމަ މެޗް މަލޭގައި ކުޅެ ގަތަރު މޮޅުވީ އިތުރުވަގުތެގެ ގޮތުގައި ދެއްކި އަށް މިނެޓްގެ ކުޅުން ހަމަވެ އިތުރަށް ދޮޅު މިނެޓެއްހައިރު ކުޅުނު ފަހުންނެވެ.