08 Oct 2015, 23:53
ބޫޓާން އަތުން 4-3ގެ ނަތީޖާއަކުން މިއަދު ރާއްޖެ މޮޅުވި މެޗުގެ ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށާއި އެ މެޗުން ރަނގަޅު ފިލާވަޅުތަކެއް ލިބިގެން ގޮސްފައިވާ ކަމަށް ގައުމީ ޓީމުގެ ކޯޗުރިކީ ހާބަޓްބުނެފިއެވެ.
ބޫޓާންގެ ވެރިރަށް ތިންޕޫގެ ޗަންގްލިމިތަން ސްޓޭޑިއަމްގައި މިއަދު ކުޅުނު ވޯލްޑް ކަޕް 2018/އޭއެފްސީ އޭޝިއަން ކަޕް 2019ގެ ކޮލިފައިން، އޭޝިއާ ޒޯންގެ ގްރޫޕް "ސީ"ގެ މެޗަށް ފަހު ގައުމީ ކޯޗު ބުނީ، މެޗުން ހާސިލްކުރާން ބޭނުންވި އެންމެ މުހިއްމު އެއްޗަކީ ތިން ޕޮއިންޓު ކަމަށާއި ރަށުން ބޭރުގައި އެކަން ހާސިލްކުރެވިއްޖެ ކަމަށެވެ.
"އަހަރެމެން ވަރަށް ބޮޑަށް ހިތްހަމަޖެހޭ މެޗާ ދޭތެރޭގައި. އަދި މެޗުގެ ނަތީޖާއާ ދޭތެރޭ އަހަރެން ވަރަށް ބޮޑަށް ހިތްހަމަޖެހޭ. މެޗުގައި ފުރަތަމަ 4 ލަނޑު ކާމިޔާބުކުރީ އަހަރެމެން، އަދި މެޗު ކޮންޓްރޯލް ކުރިން،" ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގެ ނަތީޖާއާ ބެހޭގޮތުން ނިއުޒިލޭންޑުގެ ރިކީ ހާބަޓް ބުންޏެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފްގައި ރާއްޖޭ ޓީމުން ވަނީ ބޫޓާންގެ މައްޗަށް 3 ލަނޑުގެ ލީޑެއް ނަގައިފައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނިޓްގައި އަހްމަދު ނާޝިދު (ނައްޓޭ) ކާމިޔާބުކުރި ލަނޑަށް ފަހު މެޗުގެ 23 ވަނަ މިނިޓްގައި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ރާއްޖޭގެ ލީޑު ދެގުނަ ކޮށްފައެވެ.
ކޯޗު ބުނީ، މިއަދުގެ މެޗަށް ބޫޓާނާ ރާއްޖެ ނުކުތްއިރު ދެޓީމުން ކުރެ އެއް ޓީމަކަށްވެސް މިފަހަރުގެ ކޮލިފައިންގައި ޕޮއިންޓެއް ލިބިފައި ނުވާ ކަމަށާއި އަދި މިއަދުގެ މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށް މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅެވުމުން ވަރަށް ބޮޑަށް އުފާވި ކަމަށެވެ. އެހެން ނަމަވެސް އަނިޔާގެ ސަބަބުން ސީނިއާ ބައެއް ކުޅުންތެރީންނަށް ގަތަރު މެޗުގައި ނުކުޅެވިދާނެކަން ކޯޗު ފާހަގަކުރި އެވެ.
މިއަދުގެ މެޗުގައި ރާއްޖޭގެ ތިން ވަނަ ލަނޑު ދަގަނޑޭ ކާމިޔާބުކުރީ، މެޗުގެ 33 ވަނަ މިނިޓްގައެވެ. އަދި މި މެޗުގައި އޭނާ ހެޓްރިކް ހެދި ލަނޑު، ރާއްޖޭގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 57 ވަނަ މިނިޓްގައެވެ.
މެޗުގައި ބޫޓާނުން ޖެހި ތިން ލަނޑުވެސް އެޓީމުން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށެވެ. 85 ވަނަ މިނިޓްގައި ޝެރިން ޑޯޖީ ކާމިޔާބުކުރި ލަނޑަށްފަހު އޭގެ ތިން މިނިޓް ފަހުން ޗެންޗޯ ގައެލްޝަން ލަނޑެއް ކާމިޔާބުކުރި އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ބިރެން ބާސްނެޓް އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރި އެވެ.
ކޯޗް ބުނީ، މެޗުގައި ރާއްޖޭ ކުޅުންތެރީންނަށް އެންމެ ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހުނީ، މާބޮޑަށް އުހުގައި ކުޅެން ޖެހުމުން ކަމަށެވެ. އޭގެ ފައިދާ މެޗުގެ ފަހު 20 މިނިޓްގައި ބޫޓާން ކުޅުންތެރީން ވަރަށް ރަނގަޅަށް ނެގިކަމަށް ވެސް ކޯޗު ރިކީ ހާބަޓް ބުންޏެވެ.
"ބެންޗުގައި އިން އިރު އަހަންނަށް ވެސް މާބޮޑަށް އުސްވުމުގެ ސަބަބުން އަސަރުކުރި، އަދި ކުޅުންތެރީންނަށްވެސް އޭގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވި،" މާބޮޑަށް އުސް ހިސާބުގަޑެއްގައި ކުޅެން ޖެހުމުން މެޗުގެ ފަހުކޮޅުގައި ކުޅުންތެރީންނަށް ވަރަށް ބޮޑަށް ވަރުބަލިކަން އިހްސާސްކުރާން ޖެހިދާނޭކަން ކުރިން ވެސް ބުނެފައި ވާނޭކަން ފާހަގަކުރަމުން ކޯޗު ބުންޏެވެ.
އޭޝިއާ ޒޯންގެ ޓީމުތައް އަށް ގްރޫޕަކަށް ބަހާލައިގެން މެޗުތައް ކުރިއަށް ގެންދާއިރު ގްރޫޕް ސްޓޭޖް ކާމިޔާބުކުރާ ޓީމުތަކުގެ އިތުރުން ދެވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމާއެކު ޖުމުލަ 12 ޓީމް، 2019 ވަނަ އަހަރު ބާއްވާ އޭއެފްސީ އޭޝިއަން ކަޕަށާއި އަދި 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ފަހު ބުރަށް ކޮލިފައި ވާނެއެވެ.
ރާއްޖެ ހިމެނޭ ގްރޫޕް ސީގައި މިއަދު ގަތަރާއި ޗައިނާ ކުޅުނު މެޗުން ގަތަރު ވަނީ 1-0 އިން މޮޅުވެފައެވެ.
މި ނަތީޖާތަކާއެކު ގްރޫޕް ސީގައި މިހާރު ކޮންމެ ޓީމެއްވެސް ވަނީ ޖުމުލަ ހަތަރު މެޗު ކުޅެފައެވެ. 12 ޕޮއިންޓާއެކު ގަތަރު އޮތީ ތާވަލްގެ އެއްވަނައިގައެވެ. ހޮންކޮންގާއި ޗައިނާއަށް ވެސް ހަތަރު މެޗު ކުޅެގެން ކޮންމެ ޓީމަކަށް ޖުމުލަ 7 ޕޮއިންޓް ލިބިފައި ވާއިރު، ލަނޑުގެ ތަފާތުން ގްރޫޕްގެ ދެވަނަ ލިބެނީ ހޮންކޮންގަށެވެ. ޗައިނާ އޮތީ ތިން ވަނައިގައެވެ. ތިން ޕޮއިންޓާއެކު ގްރޫޕްގެ ހަތަރު ވަނައިގައި ރާއްޖެ އޮތްއިރު މިއަދު ރާއްޖެ އަތުން ބަލިވި ބޫޓާން އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައެވެ.
ގްރޫޕް ސްޓޭޖްގައި ރާއްޖެ ދެން ކުޅޭ މެޗުގައި މިމަހު 13 ވަނަ ދުވަހު ނުކުންނާނީ ރަށުން ބޭރުގައި ގަތަރާ ދެކޮޅަށެވެ. ހަމަ އެދުވަހު ބޫޓާން ނުކުންނާނީ އަމިއްލަ ދަނޑުގައި ހޮންކޮންގާ ދެކޮޅަށެވެ.